ކޮންޓްރެކްޓް އުސޫލުން ސަރުކާރުގައި މަސައްކަތް ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވި އިރު، މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ފަސްޓްލޭޑީއަކަށް ވެވަޑައިގަތުމަށް ފަހުގައި މެޑަމް ސާޖިދާ ވަނީ އެ ކަމަނާ އަދާކުރައްވަމުން ގެންދެވި ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. އެހެންނަމަވެސް، އެކަމަނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްއެންޑީއޭ)ގެ އެދުމުގެ މަތިން ކޮންޓްރެކްޓު އުސޫލުން، މަހަކު ހަތްވަނަ ދުވަހު ވަޒީފާ އަދާކުރަން އެކަމަނާވަނީ އެއްބަސްވުން ހަދައިފައެވެ.

މި އެއްބަސްވުމުގެ ދަށުން މަހަކު އެކަމަނާ މަސައްކަތް ކުރައްވާނީ 40 ގަޑިއިރެވެ. ހަމައެއާއެކު، އުޖޫރައެއް ބޭނުންނުވި ނަމަވެސް ގާނޫނުން ލާޒިމުކުރާތީ ގަޑިއިރަކަށް 75 ރުފިޔާގެ އުޖޫރައެއް އެކަމަނާއަށް ދޭން ސީއެސްސީން ވަނީ ނިންމައިފައެވެ.

ޔައުގޫބް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މުވައްޒަފުންނާ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، މެޑަމް ސާޖިދާއާ ދޭތެރޭގައި ނިންމަވާފައިވާ ނިންމެވުމަކީ ގަވާއިދާ ހިލާފު ނިންމެވުމެއް ކަމަށެވެ.