ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާން ޖެހިފައިވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިޔަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަރ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށް މޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެޑެޕްޓޭޝަން އޮފް އިކޮނޮމިކް މޮޑެލްސް އެންޑް ރިސޯސް މޮބިލައިޒޭޝަން،" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިހުރުމުގެ ހައްގަށް ހުރަސްއެޅިގެންދާކަން ފާހަގަކުރައްވާފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ ކާރިސާތަކުގެ މައްސަލަތަކަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ޙައްޤުތަކާއި ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަކަމީ ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ އަދި ވިޔަފާރީގެ މޮޑެލްތައް އެއްގޮތްކުރުމަށްޓަކައި އެކަމުގައި ތަފާތު އެކިބައިތައް އެކުލެވޭ ރޭވުންތައް ހިމަނަންޖެހޭކަމަށާއި އޭގެ ތެރޭގައި އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އާދަކާދައަށް ބަދަލުގެނައުމާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ހޯދުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިޔަފާރިތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ތިމާވެއްޓާއި ރަހުމަތްތެރިގޮތްތައް ބޭނުންކުރަން ފަށާފައިވާކަމީ މިކަމާމެދު އާންމު ވިސްނުން ބަދަލުވާން ފަށާފައިވާ ނިޝާނެއްކަން ފާހަގަ ކުރެއްވިއެވެ.

މި ވަށްމޭޒު ބައްދަލުވުމަކީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަތީ ފަންތީގެ ހަތަރު ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން އެއް ބައްދަލުވުމެވެ.