ފަލަސްތީނުގެ ޣައްޒާގައި އަށްހާސް މީހުން ވީނުވީ ތަނެއް ނެނގި ގެއްލިފައިވާ ކަމަށް އަލްޖަޒީރާ ޓީވީ ޗެނެލް އިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން މިހެން ރިޕޯޓުކޮށްފައިވަނީ ޣައްޒާގެ ސިވިލް ޑިފެންސް ސާރވިސްއިން ދީފައިވާ މައުލޫމާތާ ހަވާލާދީއެވެ. ޣައްޒާގައި ހުރި މަދުރަސާތަކުން ވެސް އެހީތެރިކަމަށް އެދެމުންދާ ކަމަށް އެއިދާރާއިން ބުުނެފައިވެއެވެ. މިމަދުރަސާތަކަކީ ޣައްޒާގައި ރެފުއުޖީ ކޭންޕް ތަކެއްގެ ގޮތުގައި ބޭނުންކުރާ ބިނާތަކެކެވެ. ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންގެ އަދަދު ގިނަވެފައިވުމުން މަދުރަސާ ތޮއްޖެހި، ބަލިމަޑުކަން ފެތުރެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޣައްޒާ ސިވިލް ޑިފެންސް ސާރވިސްގެ މަންދޫބު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރެސްކިއު ވެހިކަލްތަކެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ގައްޒާގައި ތިބި ގިނަ ވެހިކަލްތައް ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެފައިވެފައެވެ.