ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ ނޫހަކުން، ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ އެ ކަން ދޮގުކުރައްވާފައެވެ.

އެކަން ދޮގުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ، ހުޅުމާލެ ފޭސް 3 އަކުން ބިން ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރު ފަޅަށް އެޗްޑީސީން ބަދަލުކުރަން އުޅޭ ވާހަކައަކީ ހަގީގަތާހިލާފު ވާހަކައެއްކަމަށެވެ.

ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިމަސައްކަތް ކުރަމުންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ހިއްކަން ފަށާފައިވާ ސަރަޙައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށް ކުރީސަރުކާރުން ނިންމަވައި، ސަރުކާރުން ދޭން ފަށާފައިވާ 9000 ގޯތީގެ ތެރެއިން 1351 ގޯތި ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅުއްވިއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލު ކަމަށްވާ "ފުށިދިއްގަރުފަޅު" މަޝްރޫޢަށް ހިމަނާފައިވާ ބަޖެޓްވަނީ އުނިކޮށްފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނުއްވިއެވެ. ކޮމިޓީ މަރުހަލާގައިވަނީ މިބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާފައެވެ.