ސަރުކާރަށް އެއްއަހަރު: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހާސިލް ކުރެވުނު މަސައްކަތް.

0

ތިމާވެށި

Advertisements

ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުން

 1. ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭ ގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ނިންމެވުން ތަންފީޛުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް މި އަހަރު ތެރޭގައި ކުރެވުނު.
 2. 1995 އިން ފެށިގެން 2018  ނިޔަލަށް ފާއިތުވި 24 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިމާޔަތްކުރެވިފައިވަނީ 47 ސަރަޙައްދު. މި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިނަކީ 27632.50 ހެކެޓަރ.
 3. މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބޮޑު ތިލަދުންމަތިން 14 ސަރަހައްދެއް ހިމާޔަތްކޮށްފަ. މި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިނަކީ 8854.38  ހެކެޓަރ. މި ސަރަޙައްދުތަކުގެ ތެރޭގައި، ހ.ދ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހ.އ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދު ހިމެނޭ. މިއީ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތް.
 4. ސައުތު އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިއާގެ މެނޭޖްމަންޓް ރެޖީމެއް އެކުލަވާލާ އެ ސަރަހައްދުތަކުގައި ރޭންޖަރސް ތިބެގެން ބެލެހެއްޓޭނެ އިންޒާމް މި އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސާފަ.
 5. އައްޑޫ އަދި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ލަގަބު ލިބިފައިވާ އަތޮޅަކަށް ހެދުމަށް “ނޮމިނޭޝަން ޑޮސިއާ” ތައްޔާރުކޮށް ޔުނެސްކޯއަށް ވަނީ މި އަހަރުގެ ތެރޭގައި ހުށަހަޅާފަ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބުމުން އައްޑޫ އާއި ފުވައްމުލަކަށް އިޤްތިސާދީ އަދި އިޖްތިމާޢީ ފައިދާ ލިބޭނެ.

ވައި ތަޣައްޔަރުވުން ކުޑަކުރުން

 1. ވައި ތަޣައްޔަރުކުރާ މާއްދާތަކުގެ މިންވަރު ދެނެގަތުމަށް “ލޯންގ ރޭންޖް އެނަރޖީ އޯލްޓަނޭޓިވްސް ޕްލޭނިންގ “ސޮފްޓްވެއަރ މެދުވެރިކޮށްގެން ތައްޔާރުކުރާ “ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލޫޓަންޓްސް” ތައްޔާރުކުރެވުނު. މި އެކްޝަން އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ޕޮލޫޝަންގެ ބޭސްލައިން ޑޭޓާ އަންދާޒާ ކުރުމަށް އެކުލަވާލެވުނު މިފަދަ ޕްލޭން. މިރިޕޯޓުން ބްލެކް ކާބަން، ކާބަން މޮނޮކްސައިޑް، ނައިޓްރަސް އޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް، ޕާޓިކއިއުލޭޓް މެޓަރ، ގްރައުންޑް ލެވަލް އޯޒޯން، އަދި އެހެނިހެން އެއަރ ޕޮލޫޓަންޓް ތަކުގެ ބޭސްލައިން މިންވަރުތައް އަންދާޒާކުރެވި، މި މާއްދާތައް ޖައްވަށް ބޭރުވާ ސެކްޓަރ ތައް ފާހަގަ ކޮށް، ކުރިޔަށް އޮތް އަހަރުތަކުގައި މިމާއްދާތައް އިތުރުވެގެންދާނެ މިންވަރު ލަފާކުރެވުނު. އަދި ވައި ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުން ލިބޭނެ ފައިދާ ކުއަންޓިފައި ކޮށްދެވުނު.
 2. “އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ-އެމިޝަން ޓްރާންސްޕޯޓު” ގެ މަޝްރޫއު އެއް ޑިޒައިން ކޮށް ޕްރޮޕޯޒަލް ތައްޔާރުކޮށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީއަށް ހުށަހެޅުނު. މި މަޝްރޫޢުގެ ދަށުން ޖައްވު ތަޣައްޔަރުކޮށް ހޫނުކުރުވާ މާއްދާތައް މަދުކޮށް، ދެމެހެއްޓެނިވި ލޯ-އެމިޝަން ދަތުރުފަތުރުގެ ނިޒާމްތައް ރާއްޖެއަށް ތަޢާރަފުކުރުން ހިމެނޭ. މިގޮތުން ބައިކް ޝެއަރިން ނިޒާމެއް ގާއިމް ކުރުމާއި، އިލެކްޓްރިކް މިނީ ބަސް ތައާރަފް ކުރުމާއި، ޗާރޖިންގ ސްޓޭޝަން ގާއިމުކުރުމާއި، އަވިން ހަކަތަ އުފައްދާ ބޭނުންކުރާ ކަނޑުގަ ދުއްވާ އުޅަނދެއް ފަރުމާ ކުރުމާއި އަދި އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަނެއް ގާއިމުކުރުން ހިމެނޭ.

ފެންހިންދާ ނިޒާމް

 1. ސ. ފޭދޫ، ނ. ހޮޅުދޫ، ގދ. ތިނަދޫ ގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް ކޮންޓެރެކްޓަރާ ހަވާލުކުރެވުނު. (67 މިލިއަން ރުފިޔާ)
 2. އައްޑޫ ސިޓީގެ (ފެދޫ ފިޔަވައި) 5 ރަށެއް ގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރުމަށް ކޮންސަލްޓަންޓަކާއި ހަވާލުކުރެވުނު.

ރަށްގިރުމުގެ މައްސަލަތައް ދިރާސާކުރުން

 1. ރައްގިރުމުގެ މައްސަލަ ދިމާވެފައިވާ 21 ރަށަކަށް މި މިނިސްޓްރީގެ ސަރވޭ ޓިމް ގޮސް ވަނީ ސާރވޭ ކޮށްފަ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ބާރުވެރިކުރުން

 1. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރުވެރިކުރުވުމުގެ ގޮތުން އީއައިއޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، 2018 ޑިސެންބަރު 20 ވަނަ ދުވަހު މި މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން މި މިނިސްޓްރީން ވަނީ ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް އިސްލާހުގެނެސް ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަންޖެހޭ އީއައިއޭ ފާސްކުރުމުގެ ބާރު 27 ޑިސެންބަރ 2018 ވަނަ ދުވަހު އަލުން ވަނީ އީޕީއޭއަށް ދީފަ.

ހަކަތައިގެ ދާއިރާ

ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި.

އިއާދަކުރަނިވި ހަކަތަ

ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް، ކުރާ މަސައްކަތްތަކުގެ ތެރެއިން ހއ. އަތޮޅުގެ 14 ރަށެއްގައި 2.3 މެގަވޮޓުގެ ސޯލާ ޕެނަލް ހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާލެވިފަ. އަދި ށ، ނ މި ދެއަތޮޅުގެ 26 ރަށެއްގައި 4.3 މެގަވޮޓުގެ ސޯލާ ޕެނަލްހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާލެވިފައި.

ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަތޮޅު އަދި ސ. ހުޅުމީދޫގައި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް މެދުވެރިކޮށް ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ޓެކްނިކަލް ސާރވޭ، ޑިޒައިނިންގ އަދި ފީސިބިލިޓީގެ ސްޓަޑީގެ މަސައްކަތްވަނީ ނިމިފައި. މިރަށްރަށުގައި ސޯލާ ޕެނަލްހަރުކޮށްގެން ކަރަންޓު އުފެއްދުމަށް މިއަހަރުގެ ފަހުކޮޅުގަޔާއި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބީލަން ހުޅުވާލެވިގެންދާނެ. މިރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭއެހީގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރާއި އީޔޫގެ ހިލޭ އެހީގެ ގޮތުގައި 5 މިލިއަން ޔޫރޯ ވެސް ވަނީ ހޯދާފައި.

މާލޭ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ރިންގް ރޯޑުގައި 5 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިއަހަރުތެރޭ އިޢުލާނުކޮށް މިހާރުވަނީ އެމަސައްކަތްކުރާނެ ފަރާތެއްކަނޑައެޅިފައި. މިޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ތެރޭ ފެށިގެންދާނެ.

އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ ގައި 21 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ހަދަންޖެހޭ ދިރަށާ ހަދައި ބީލަން ކުރުމަށްވަނީ ތައްޔާރުވެފަ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ކަރަންޓު ފޯރުކޮށްދިނުން ޔަޤީންކުރުމަށް އިތުރު 100 މިލިއަން އެމެރިކާ ޑޮލަރު އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންވަނީ ހަމަޖެހިފަ.

އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ރާވާފައިއޮތް މަސައްކަތްތައް ހުއްޓިފައިވަނިކޮށް މި ސަރުކާރުންވަނީ އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޔަކާއި ހަވާލުކޮށްފައި. އަދި މީގެ އިތުރުން ތިލަފުށީގައި ޤާއިމުކުރުމަށް ރާވާފައިވާ 8 މެގަވޮޓުގެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓުގެ މަސައްކަތްތައްވެސް މިސަރުކާރުން މިގެންދަނީ ކުރަމުން.

ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުން

ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހަކަތައިގެ ބިލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އެބިލު މިހާރުވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި.

ނެޓް މީޓަރިންގ ރެގިއުލޭޝަންގެ ދަށުން އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ނެޓް މީޓަރިން ރެގިއުލޭޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ރެގިއުލޭޝަން ގެޒެޓްކުރުމަށް މިހާރުވަނީ ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ މި ޑިސެންބަރު މަހުގެ ތެރޭގައި ގެޒެޓްކުރެވިގެންދާނެ.

އިލެކްޓަރީޝަނުންނާއި އިންޖިނިއަރުންނަށް ލައިސަންސް ދިނުމުގައި މިހާރަށްވުރެ ހަރުދަނާގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ހަދަންޖެހޭ ރެގިއުލޭޝަންތައް ޑްރާފްޓްކޮށް އެރެގިއުލޭޝަންތައް އަންނަ އަހަރު ކުރީކޮޅުގައި ގެޒެޓްކުރެވިގެންދާނެ.

ޔުޓިލީތަކަކީ ރެގިއުލޭޓު ކުރެވިގެން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދާ ތަންތަން ކަމުގައި ހެދުމަށް ޔުޓިލިޓީ އިންވެސްޓްމަންޓް އެޕްރޫވަލް ރެގިއުލޭޝަން ތައްޔާރުކުރެވި އަންނަ އަހަރު ކުރީކޮޅުގައި ގެޒެޓުކުރެވިގެންދާނެ.

24 ގަޑިއިރު ކަރަންޓު ޔަޤީންކުރުމުގެ ވަޢުދު

2020 ވަނަ އަހަރު މާލެއަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރާ ދިމާކޮށް ކަރަންޓަށް ޖެހުން ހައްލުކުރުމަށްޓަކައި 8 މެގަވޮޓުގެ  ޖެނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އަދި މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިހާރުދަނީ ކުރެވެމުން. މިމަސައްކަތް 2020 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ނިންމާލެވޭނެ.

މީގެ އިތުރުން އައްޑު ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 20 މެގަ ވޮޓްގެ އިންޖީނުގެ އަދި ކޭބަލް ނެޓްވާރކް ރަނގަޅުކުރުމުގެ މަސައްކަތް ވަނީ މިއަހަރުގެ ތެރޭގައި ފެނަކަ ކޯޕަރރޭޝަނުން ކޮންޓެރެކްޓް ކޮށްފަ.

ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތްދޭ ކުންފުނިތަކުން 58 ރަށަކަށް  59 އައު ޖަނެރޭޓަރު ސެޓު ގެންގޮސް ޚިދުމަތް ދޭންފެށިފައިވާނެ.

ރަށްރަށުގައި ޤާއިމުކޮށްފައިވާ އިންޖީނުގެ ތަކަކީ ރަނގަޅު ފެންވަރުގެ އިންޖީނުގެތަކަކަށް ހެދުމަށް 23 އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވުނު.

ހަކަތަ ސަމަކާރަ (އެނަރޖީ އެފިޝެންޓް) ކުރުން

އެނަރޖީ އެފިޝަންޓް އާލާތްތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކޮންމެ ގޭބިސީތަކަށް ދެ އެލް.އީ.ޑީ ބޮކި ފޯރުކޮށްދިނުމަށް ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައިވާނީ 200,000 އެލް.އީ.ޑީ ބޮކި ވަނީ ފޯރުކޮށްދީފައި. މީގެ އިތުރުން މާލޭގެ މަގުތަކުގައި ބޭނުންކުރަމުންދިޔަ މަގު ބައްތިތައް އެނަރޖީ އެފިޝަންޓް މަގުބައްތިއަށް ވާނީ ބަދަލުކޮށްފައި.

ކަރަންޓު އަގު ހޮޔޮ ކުރުން

އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތައިލުމުގެ ސިޔާސަތުގެ ދަށުން، އަދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މި އަހަރުގެ މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ވަނީ ހެޔޮކޮށްފަ.

މިގޮތުން ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ، ތިން ބަޔަކަށް ބަހާލައިގެން. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ވަނީ ނައްތާލެވިފަ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތްވެގެންދިޔަ.

ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދިޔަ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް ދެހާސް ދުއިސައްތަ ރުފިޔާ ހޭދަކުރާނަމަ، ދެން ދައްކަންޖެހޭނީ، ގާތްގަނޑަކަށް އެއްހާސް ހަތްސަތޭކަ ރުފިޔާ.

އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، އެއްހަމަ ކުރެވިފައިވާނެ. މިގޮތުން، އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުރެވިފައި.

މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު، ބޮޑުތަނުން ކުޑަވެގެންދިޔަ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް.

ކަރަންޓުގެ އަގު ކުޑަކުރުމުން، ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދްމަތްތަކެއް ދިނުމަށް ފުރުސަތު ހުޅުވިގެންދިޔަ. މި ބަދަލު ގެނައުމުން، ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް ހަތަރުހާސް ހަސަތޭކަ ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް ތިންހާސް ހަތަރުސަތޭކަ ރުފިޔާ. މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު އެއްހާސް ދުއިސައްތަ ރުފިޔާ.

މީގެއިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ، ސަރުކާރުން ކަނޑައިލުމުން، ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓް ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފަ. މި ބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވި، މާލެއާއި ރަށްރަށުގެ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކަށްވެސް އެކަމުގެ މަންފާ ލިބިގެންދިޔަ.

ކުނި މެނޭޖުކުރުން

ރ. ވަންދޫ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒް

ރ.ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒު މިހާރުވަނީ އޮޕަރޭޝަނަލައިޒް ކޮށްފައި ރާއްޖޭގައި އަލަށް ކުނިން ހަކަތަ އުފައްދަން ފެށުނު.

ކ. ތިލަފުށީގެ ކުނި ގޮނޑުން ދުން އެރުން ހުއްޓުވުން 

ތިލަފުށީގެ ކުނި އުކާލާ ސަރަހައްދުން ދުންއެރުން ހުއްޓުވުމަށްޓަކައި ލޭންޑް ފިލް ކޮމްޕެކްޓަރ އެއް ގެނެސް ތިލަފުށީގެ ލޭންޑްފިލް ކޮމްޕެކްޓްކޮށް އެއިން އަރަމުންދާ ދުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު. މިކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ ގަނެ ސަޕްލައި ކުރުމުމުގެ މަސައްކަތް ވަނީ އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފަ. ކޮމްޕެކްޓަރ ރާއްޖެ ގެނެސް 2020 ގެ ޖަނަވަރީ މަހުގެ ކުރީ ކޮޅު މަސައްކަތް ފަށާގަނެވި އެ އަހަރު ތިލަފުށިން ދުންއެރުން ހުއްޓުވާލެވޭނެ ކަމަށް ބެލެވޭ.

ކ.ތިލަފުށީގެ ޑަމްޕްސައިޓް ރިހެބިލިޓޭޓް ކޮށް ބަންދުކުރުން

ތިލަފުށީގެ ޑަމްޕްސައިޓް ރިހެބިލިޓޭޓްކޮށް ބަންދުކުރުމަށްޓަކައި އެކަމާއި ބެހޭ ދިރާސާގެ ފުރަތަމަ މަރުޙަލާވަނީ ނިމިފައެވެ. ޑަމްޕްސައިޓް ރިހެބިލިޓޭޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް އިންޓަރނޭޝަނަލް ބިޑް އުސޫލުން ޓެންޑަރކުރެވި ބިޑްތައް މިހާރުވަނީ އިވެލުއޭޓް ކޮށްނިމިފައެވެ.

ކ.ތިލަފުށީގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކުރުން

ތިލަފުށީގައި ދުވާލަކު 400 ޓަނުގެ ކުނި ޓްރީޓް ކުރެވޭނެ ވޭސްޓް ޓު އެނަރޖީ ޕްލާންޓެއް ގާއިމުކުރުމަށް އެކަމަށް އެއްމެ އެކަށީގެންވާ ފަރާތްތައް އައިޑެންޓިފައި ކުރުމަށް ބިޑް މަރުހާލާގެ ޕްރީ ކޮލިފިކޭޝަން ސްޓޭޖް ނިމި އެކަމާއި ބެހޭ ރިޕޯރޓް މިހާރުވަނީ އޭ.ޑީ.ބީ އަށް ފޮނުވާފަ.

މާލެ، ވިލިމާލެ އަދި ހުޅުމާލެ ގައި ވޭސްޓް ޓްރާންސްފަރ ފެސިލިޓީ ގާއިމުކުރުން

ޓްރާންސްފަރ ފެސިލިޓީ ތަކުގެ ކޮންސެޕްޓް ޑިޒައިން ނިމިފައި، މިހާރު ކުރިއަށްދަނީ ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް.

އައްޑޫ ސިޓީގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އެއް ގާއިމުކުރުމުގެ ގޮތުން އެތަނުގައި ބަހައްޓަން ހަމަޖެހިފައިވާ ވޭސްޓް-ޓު-އެނަރޖީ ޕްލާންޓެއް ބެހެއްޓުން

ވޭސްޓް-ޓު-އެނަރޖީ ޕްލާންޓް ބެހެއްޓުމަށްޓަކައި ކޮންޓްރެކްޓަރ އާއި އެކު އެއްބަސްވުމުގައި ސޮއިކޮށް މިހާރު ކުރިއަށްދަނީ އެ ޕްލާންޓްގެ ޑިޒައިންގެ މަސައްކަތެވެ. ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

ފުވައްމުލައް ސިޓީ، ގދ، ތިނަދޫ، ހދ. ކުޅުދުއްފުށި، ކ. މާފުށީގައި ކުނި އަންދާ އިންސިނެރޭޓަރެއް ބެހެއްޓުން

މި ރަށްރަށުގައި ދުވާލަކު 4 ޓަނުގެ ކުނި އަންދާލެވޭ ވަރުގެ އިންސިނެރޭޓަރ އެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

މ، ފ،ދ، ތ އަދި ލ އަތޮޅު ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރާ ނިޒާމުތައް ޤާއިމުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ނިމިފައި.

ފެނާއި ނަރުދަމާ

 1. ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިދިނުމުގެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ފެން އުފައްދާ ފެން އިތުރުކުރުމާއި، އަދި ދިވެހިރާއްޖޭގެ ފެނުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން ފެނާއި ނަރުދަމާގެ ޤާނޫނުގެ ޑްރާފްޓްވަނީ އަލުން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަކާއެކު މަޖީލީހަށް ހުށަހެޅުމަށްޓަކައި އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވިފަ. ސަރުކާރުގެ އަމާޒަކީ ފެނާއި ނަރުދަމާ ޤާނޫނު މިއަހަރު މަޖީލީހަށް ތާވަލްކުރެވި ފެނާއި ނަރުދަމާގެ ޤާނޫނު ފާސްވެގެން ދިޔުން.
 2. ފެނާއި ނަރުދަމާގެ ދާއިރާގެ އިންސާސީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ހޯދުމަށް ފެނާއި ނަރުދަމާގެ ދާއިރާގެ ދިރާސާއެއްވަނީ ކުރެވިފައި. އަދި މި ދިރާސާގެ އަލީގައި ފެނާއި ނަރުދަމާގެ ގުޅުން ހުރި ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައިވަނީ މަސައްކަތްފެށިފަ.
 3. އަދި މީގެ އިތުރަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ފެނާއި ނަރުދަމާގެ ޓެރިފް މޮޑެލްއެއް ދަނީ ތައްޔާރުކުރެވި އަދި މި އަހަރުގެ ތެރޭގައި ފައިނަލްކުރެވިގެންދާނެ.
 4. މީގެ އިތުރުން ބޯފެނަށް ކުރަންޖެހޭ ޚަރަދާއި، އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުމަށްޓަކައި ސަރުކާރުންވަނީ މާލެ ސިޓީ، މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް ފެނުގެ ވިއުގައިން ފޯރުކޮށްދޭވޭ ފެނުގެ ކޮލިޓީގެ ނަތީޖާ އާންމުނަށް ފެންނާނެހެންވަނީ ޝާޢިއުކުރަން ފަށާފަ. އަދި ރާއްޖޭގެ ސަރަހައްދުތަކުގެ ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމުތަކުން ފެނުގެ ކޮލިޓީ ޗެކްކުރުން އިތުރުކޮށް ރައްޔިތުންނަށް ފެނުގެ ކޮލިޓީ ޔަޤީންކަން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ސަރަހައްދީ ފެނުގެ ކޮލިޓީ ޗެކް ކުރާނެ ލެބޯރަޓަރީތައް ޤާއިމްކުރުމަށްޓަކައިވަނީ ރޭވި އަދި މަސައްކަތްކުރެވެމުން.
 5. 13 ރަށެއްގައި ބިމުގެ ފެންފަށަލައިގެ ހާލަތާއި (ކުއަލިޓީ)، ފެންފަށަލާގައި މީރުފެން ހުރި މިންވަރު (ކުއަންޓިޓީ) ދެނެގަތުގުމުގެ ތަފްސީލީ ދިރާސާއެއް ކުރެވުނު އަދި 36 ރަށެއްގައި ދިގު މުއްދަތަށް ފެންފަށަލައިގެ މޮނިޓަރިންގ އަށް ބޭނުންވާ ބޭސްލައިން އެސެސްމަންޓް (ކުއަލިޓީ) ހެދުނު.
 6. ހދ.ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރި، އަދި ބ.ދަރަވަންދޫ ގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށި. މި މަސައްކަތްތައް މާރޗް 2020 ގައި ނިމި ޚިދުމަތްދޭން ފެށޭ ވަރުވާނެ. (ގާތްގަނޑަކަށް 129 މިލިއަން ރުފިޔާ)
 7. 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާ ކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށި. މި މަސައްކަތްތައް ފެބްރުވަރީ 2020 ގައި ނިމި ޚިދުމަތްދޭން ފެށޭ ވަރުވާނެ. (ގާތްގަނޑަކަށް 108 މިލިއަން ރުފިޔާ)
 8. މި މިނިސްޓްރީއިން ކުރާ މަސައްކަތްތަކުގެ އިތުރުން ޕްލޭނިންގ މިނިސްޓްރީއިން ވަނީ 33 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓް ހަވާލުކޮށްފައި އަދި 70 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ޓެންޑަރ މަރުހަލާގައި.

ކުލައިމެޓް ޗޭންޖް

 1. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެ އިސްނަގައިގެން “ކުލައިމެޓް ސްމާރޓް ރެސިލިއަންޓް އައިލެންޑްސް” ގެނަމުގައި ބައިނަލްއަޤްވާމީ ޙަރަކާތެއް އދ.ގެ ކުލައިމެޓް އެކްޝަން ސަމިޓްގެ ތެރޭގައި ތަޢާރަފުކުރުން.
 2. ރާއްޖޭގެ ކުލައިމެޓް ލީޑަރޝިޕް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މަސްރަޙުގައި، މިދާއިރާއިން ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން، އ.ދ.ގެ މޫސަށްއަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ސެކްރެޓޭރިއެޓް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި ގުޅިގެން ބައިނަލްއަޤްވާމީ 2 ވާރކްޝޮޕެއް (އޮގްސްޓް އަދި ސެޕްޓެންބަރު މަހު) ރާއްޖޭގައި ބޭއްވުން.
 3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މުހިއްމު ބައްދަލުވުންތަކުގައި ދެވެހިރާއްޖެ ވަނީ ތަމްސީލުކުރެވިފަ. ޖުމްލަ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދި ޖަޒީރާ ޤައުމުތަކުން މިހާރުން މިހާރަށްވެސް އަޅަންޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކުގެ މައްސަލައާއި ކުރިމަތިލާނެ ގޮތްތަކާއި މިކަމަށް ޙައްލު ހޯދުމުގެ މައްޗަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ލިބެންޖެހޭ ފައިސާގެ ވަސީލަތްތައް ލަސްވުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދިވެހި ރާއްޖެއިން ވަނީ ގޮވާލާފައެވެ.
Advertisements