ގައްޒާގައި 5،000 އަށްވުރެގިން ޒަހަމްވެފައި ތިބި މީހުން ވަނީ ގޮތްހުސްވެފައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރިގެ ތަރުޖަމާނު އަޝްރަފް އަލް ގުދްރާ ވިދާޅުވެއްޖެއެވެ.

އަޝްރަފް ވިދާޅުވީ 5،000 ވަރަކަށް ޒަހަމްވެފައި ތިބި މީހުން ވަގުތުން ވަގުތަށް ޣައްޒާއިން ނެރެން ޖެހޭކަމަށެވެ. އަދި މީގެއިތުރުން އަޝްރަފް ވަނީ ޣައްޒާގެ ރެފިއުޖީ ކޭންޕްތަކުގެ ހާލަތު ކާރިސައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރިއިން މައުލޫމާތުދޭ ގޮތުގައި ޣައްޒާގެ ރެފިއުޖީ ކޭންޕް ތަކުގައި ތިބި 1.9 މިލިޔަން މީހުންގެ ތެރެއިން 350،000 އަށްވުރެ ގިނަ މީހުންވަނީ އިންފެކްޝަން ބަލިތަކުގެ ޝިކާރަ އަކަށްވެފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.