ރާއްޖޭގެ ރައްޔިތުންނަށް ސީދާ އެ މަނިކުފާނާ ސުވާލު ކުރެވޭނެ ހާއްސަ ޕޯޓަލެއް، ރައީސް އޮފީހުގައި ވެބްސައިޓުގައި ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ކައުންސިލްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑު ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށެވެ.

"މީގެ އިތުރަށް ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑަށް ސުވާލު ކުރެވޭ ގޮތަށް އަދި އެ ރައްޔިތެއްގެ އިހުސާސްތަކާއި ހިޔާލުތަކާއި އުއްމީދުތަކަށް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ގާއިމްކުރާ ޕޯޓަލްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ދެ ފުށް ފެންނަ ސަރުކާރެއް ގާއިމްކުރަން ބޭނުންވަނީ އޭގެ ހަގީގީ މާނައިގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދައުލަތް ފުރިހަމައަށް ހިންގުމުގައި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކާއި ދަތިތައް އޮޅުންފިލުވުމަކީ ވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމްކުރާނަން،" ރައީސް ވިދާޅުވި އެވެ.