ދުނިޔޭގެ ތާރީޚު ވަނީ ޑާވިންސީ އާއި ވެން ގޯ އަދި ޕިކާސޯ ފަދަ ކުޅަދާނަ އެތަކެއް ފަންނުވެރިންނެއް ދެކެފައެވެ. މި ފަދަ ކުޅަދާނަ ހުނަރުވެރީންގެ ލިސްޓަށް އިތުރުކޮށްލަންޖެހޭ އެންމެ މުހިންމު އެކަކީ އޮސްޓްރިއާގެ ޖޯނެސް ގަމްޕް އެވެ.
ޖޯނެސް ގަމްޕް ވަނީ 1646 ވަނަ އަހަރު އޭނާގެ ސެލްފް ޕޯޓްރެއިޓެއް ކުރަހާފައިއެވެ. މި ކުރެހުން ވެގެން ގޮސްފައިވަނީ ދުނިޔެދުށް އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ކުރެހުމަށެވެ. މި ކުރެހުންވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ޝައުގުވެރިކަން އަތުލި އެއް ކުރެހުމަށެވެ. މި ކުރެހުމުގެ ރީތި ކަމުންނެއް ނޫނެވެ. އެހެނަސް މި ކުރެހުމުގެ ތަފާތު ކަމުންނެވެ.
މި ސެލްފް ޕޯޓްރެއިޓަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ލިބިފައިވަނީ މި ކުރެހުމުން ފެންނަން ހުންނަ ތިން ބޮލުގެ ސަބަބުންނެވެ. ސެލްފް ޕޯޓްރެއިޓްތައް ކުރަހަން ކުރެހުންތެރިއަކު ޖެހޭނީ އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ނަފްސު ފެންނަ ގޮތަށް ހަދާށެވެ. މިފަދައިން ކަންތައްކުރަން ލޯގަނޑެއް ބޭނުންވެއެވެ
1600 ގެ އަހަރުތަކުގައި ލޯގަނޑަކީ އަގުބޮޑު އެއްޗެކެވެ. އެހެންކަމުން ލޯގަނޑެއް ގަތުމަށް އޭނާއަށް ޖެހުނީ ބޮޑުސިންގާ ދަނޑެއް ވިއްކާލާށެވެ. އެ ދަނޑު ވިއްކާލައިފައި އޭނާ އެންމެ ލޯގަނޑެއް ގަތެވެ.
ލޯގަނޑޔ ގަނެގެން އޭނާ ކުރެހި ކުރެހުމުގައި ވަނީ އެ ލޯގަނޑުވެސް ހިމަނާފައެވެ. އެކަން ވެގެންދިޔައީ ގިނަބަޔެއްގެ ޝައުގުވެރިކަން އެއަށް ލިބުނު އެއް ސަބަބަށެވެ. އާއްމުގޮތެއްގައި ކުރެހުންތެރިން ސެލްފް ޕޯޓްރެއިޓް ކުރަހަނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބަލައިގެން ލޯގަނޑުން ފެންނަން ހުންނަ މަންޒަރެވެ. ނޯމަން ރޮކްވެލް ފަދަ ކުރެހުންތެރިންގެ ސަބަބުން މި ޓެކްނިކް ވަނީ ކުރެހުންތެރިންގެ މެދުގައި އާންމު ޓެކްނިކަކަށް ވެގެން ގޮސްފައެވެ.
ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ކުރެހުމުން ފެންނަ ކުރެހުންތެރިޔާއަށް ވެސް ހުއްޓިފައިއެވެ. ކުރެހުމުން ފެންނަނީ ކުރެހުންތެރިޔާގެ ފުރަގަހެވެ. ޖޯނެސް ކުރަހާފައި މިވަނީ ހަމައެކަނި އޭނާގެ ސެލްފް ޕޯޓްރެއިޓެއްނޫނެވެ. އޭނާ ކުރަހާފައިވަނީ ސެލްފް ޕޯޓްރެއިޓް ހުރި ގޮތަށެވެ. އޭނާގެ މޫނުވަނީ ''ޕެއިންޓިން މިރޯރ'' އަދި'' ޕެއިންޓިން ކެންވަސް'' މި ދެފަރާތުގައިވެސް ކުރާހާފައި އެވެ. އެހެންކަމުން މި ކުރެހުމުން ޖުމްލަ ތިން ގަމްޕްސް އެބަ ފެނެއެވެ.
މިވަރުން އަދި ނިމުނީއެއް ނޫނެވެ. ގިނަ ބަޔަކު ވަނީ މި ކުރެހުމުން ތިން ބޯ ފެންނާތީ މި އަދަދާ މެދުވެސް ސުވާލު އުފައްދާފައިއެވެ. ބައެއް މީހުން ބުނާގޮތުގައި '' 3'' މި އަދަދު ނިސްބަތްވަނީ އިންސާނާ ހަޔާތުގައި ކުރިމަތިލާ ތިން ސްޓޭޖު ކަމަށްވާ ޅަ އުމުރު، ޒުވާން އުމުރު އަދި މުސްކުޅި އުމުރަށް ކަމަށެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި މި ކުރެހުމާ "ޕެރަލަލް ޓު ހޮލީ ޓްރިނިޓި'' އާ ގުޅުމެއްވެއެވެ. މި ކުރެހުމުގެ ތިރިން ފެންނަ ދެ ޖަނަވާރުންނާ (ބުޅަލަކާއި ކުއްތާއެއް) މެދުވެސް ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ކުރެހުމުން ފެންނަ ދެ ގަމްޕްސް ގެ މޫނުން އެއްވެސް އިހުސާސެއް ނުފެންނައިރު ކުރެހުމުގެ ތިރިން ފެންނަ ދެ ޖަނަވާރުންގެ މޫނުން ފެންނަނީ ރުޅިވެރިކަމާއި އެކަކު އަނެކަކަށް އިންޒާރުދޭ ފަދަ ސިފަތަކެވެ. މި ކުރެހުމުގެ ފަހަތުގައި ގޮތްނޭނގޭ ސިއްރެއް ފޮރުވިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިނޫން ވެސް ޖަވާބު ނުލިބޭ އިތުރު އެތަކެއް ސުވާލު ހިތުތެރޭވާއިރު، މި އިން އެއްވެސް ސުވާލެއްގެ ޖަވާބު ލިބުމަކީ މިއަދު އެކަށީގެންވާ ކަމެއް ނޫނެވެ. ޖޯނެސް ގަމްޕްސް އާއި އޭނާގެ ސެލްފް ޕޯޓްރެއިޓްގެ ސިއްރު އަބަދުމެ އަބަދަށް ދެމިގެން ދާނީ ސިއްރެއްގެ ގޮތުގައިއެވެ.