އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނޭ ކަމަށްވެސް މެޓުން ބުންޏެވެ.

މީގެއިތުރުން މެޓުން ބުނީ އިރު އުތުރާއި އިރުން، އުތުރާއި ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ވަނީ ރޭ ދަންވަރު ރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާ ކުރައްވާ ހުދު ސަމާލުވެސް ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. މި ސަމާލު ހަމަވާނީ މިއަދު ހެނދުނު 8:15 ގައެވެ.

އަދި މި ހުދު ސަމާލުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި މި ސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.

މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

އަދިހަމައެއާއެކުމެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު ކަމަށާއި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.