ހަމައެކަނި ''މޯލްޑިވިއަން އޮންލީ'' ނުވަތަ ދިވެހިންނަށް މަސައްކަތްކުރެވޭނެ ދާއިރާތަކެއް ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގައި، އެ ނިންމުން ނިންމިކަން އިއުލާންކުރެއްވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ހަފްލާގައި ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިންނަށް ހާއްސަ ގިނަ ދާއިރާތަކެއް ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ. އެކަން ކުރިއަށްދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު ސީދާ އެ ހުރިހާ ދާއިރާތަކެއް ރައީސް ވިދާޅުވެއް ނުވެއެވެ.

އެއަށް ފަހު ރައީސް ވަނީ ކުރިއަށް އޮތް ދެ އަހަރު ފަހުން ކޮންސްޓްރަކްޝަން ދާއިރާގައި ހަމައެކަނި ދިވެހިންނަށް ކަނޑައެޅި ތިން ދާއިރާތަކަކީ ކޮބައިކަން ހާމަކުރައްވާފައެވެ. އެއީ ބިލްޑިން އިންސްޓްރަކްޓާ، ސައިޓް ސުޕަވައިޒާ އަދި ސާވޭޔަރުންނެވެ.

''މި ތިން ދާއިރާއަކީ ކުރިއަށް އޮތް ތަނުގައި ހަމައެކަނި ދިވެހިން މަސައްކަތްކުރާނެ ދާއިރާތަކަށް ވެގެންދާނެ'' އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމުގެ ބޭނުމަކީ ހުރިހާ ކަމެއްގައި ދިވެހިވަންތައްކަން ގެނައުން ކަމަށެވެ.

ކޮންސްޓްރަކްޝަންގެ ދާއިރާ އަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ދާއިރާއަށްވާއިރު އެފަދަ ކަންކަން ކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިއަނަރުންނާ އާކިޓެކްޗަރުންގެ ގޮތުގައި ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިިވެހިންނަށް ހާއްސަ ފީލްޑްތަކެއް ހެދިއްޖެއްޔާ ވަޒީފާ ލިބޭ ފުރުސަތު އިތުރުވެގެންދާނެ. އެކަން އެއީ ހާސިލުކުރެވިގެންދާނެ ކަމެއް.ރައީސް ވިދާޅުވި ގޮތުގައި އިމާރާތަތްތައް ބިނާކޮށް އިންފްރާކްސްޓްކްޗާ ބިނާކުރުމަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ހިތްވަރާއެކު އެންމެ ގުޅިގެން ކުރެވޭނެ ކަމެއް ކަމަށެވެ. މި ސަރުކާރުގެ މެނިފެސްޓޯ ގައި އެފަދަ ކަންކަން ކުރަން ހިމަނާފައިވާއިރު އެކަންތައްތައް ތާވަލުކޮށްފައި އޮތް ގޮތަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ''ހަފްތާ14'' ގައި ކަނޑައެޅި ކަންކަން ކަނޑައެޅި ގޮތަށް ކުރެވޭތޯ ބަލަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މިހާރު ހިއްކާފައިވާ ސަރަހައްދުން ނުފުދޭނެތީވެ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ގިރާވަރުފަޅުން އިތުރު 50 ހެކްޓަރާއި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް މކުރަނީ ވަރަށް ވެސް ފޮނި އުއްމީދެއްގައި ކަމަށާއި ބޭނުމަކީ ކުރިއަށް ޖީލަށް އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުން ކަމަށެވެ.