ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި ޕްރޮގްރާމަކީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ61 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ މިވޭތުވެ ދިޔަ 61 އަހަރުގެ ތެރޭގައި ޤައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތަނެއްކަމަށާއި އަދި ދިވެހިރާއްޖޭގެ އަޑު މިހާރަށްވުރެ ބޮޑަށް ތަރައްޤީކޮށް ޒަމާނީކުރުމަށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ހިންގަމުންދާ ބައެއް ކަންކަމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޕްރޮގްރާމުގައި އެހުންތެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މާލެއާ ވިލިނގިލި އަދި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ހަނދަމުންދާ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅައި ކުރެވެމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މާލެއާ މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ދަޢުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.