ފަތުރުވެރިކަމުގެ އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކުރުމަށާއި އިތުރު މާކެޓުތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުމަށް އާ މާކެޓުތައް ހޯދުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިސްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށެވެ.

ޔޫކްރޭންއާއި ރަޝިއާގެ ހަނގުރާމައާއި އިޒްރޭލުން ގާޒާއާ ދެމުންދާ ހަމަލާތަކާ ގުޅިގެން ފަތުރުވެރިން އިތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ހަނގުރާމަތަކާ ގުޅިގެން ގިނަ ބަޔަކު ދަތުރު ކުރުމާމެދު ދެ ފިކުރެއްގައި ތިބި ކަމަށާއި އޭގެ ސަބަބުންވެސް މާކެޓިން ވަރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އޭކޮވިޑުގެ ހާލަތުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށާއި ކޮވިޑުގެ ފަހުން އެ ގައުމުގެ ފިވަޔަޅުތަކާއެކު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަ މިންވަރު ދަށްވިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި އޭގެ ސަބަބުން ޗައިނާގެ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށެވެ.