"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އޮތޯރިޓީއެއް ގާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި އައު އޮތޯރިޓީ އުފެއްދުމާއި ގުޅޭގޮތުން މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށެވެ.

އަދި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ނަމުގައި އުފައްދާ އެ އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަގު މިވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަނީ ފެށިފައި. އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭ. އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް މިހާރުވެސް އެއްބާރުލުން ލިބޭނަމަ، މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނު ފާސްކުރެވޭނަމަ، އެކަމަށް ދެން ބޭނުންވާ ފުރިހަމަކަން ލިބިގެންދާނެ. އަދި އުންމީދު ކުރަން ލިބޭނެ ކަމަށްވެސް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޚާއްޞަ ޤާނޫނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން. ފާސްކޮށްގެން މި ދެންނެވި ގޮތަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމަކީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ގުޅިފަޅުގައި ކުރީ ސަރުކާރުން ހަދަން ނިންމާފައި އޮތް ޕޯޓަކީ އެތަނަށް އެކަށީގެންވާ ކަމަކަށްނުވާތީ، އެޕޯޓް ތިލަފުށްޓަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ތިލަފުށީގައި ޤާއިމްކުރާނީ އިންޓަރނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓެއް ކަމަށާ، އެތަނަށް ގެނެވޭ ތަރައްގީ އަކީ އެއަރޕޯޓްގެ ތަރައްގީ އާއި، ގުޅިލާމެހިގެންދާނެ ކަމެއް ކަމަށެވެ.