ރާއްޖޭގެ ތިން ރަށެއްގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ބެކަޕް ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ޙަވާލު ކުރައްވައިފިއެވެ.

އެ ތިން ހޮސްޕިޓަލަކީ ގދ.ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ސަރަޙައްދީ ހޮސްޕިޓަލާއި ރ.އުނގޫފާރު ސަރަޙައްދީ ހޮސްޕިޓަލެވެ. މިއީ ޓަރޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކެވެ.

ބެކަޕް ޖަނަރޭޓަރުތައް ބަހައްޓަނީ އެ ހޮސްޕީޓަލް ތަކުން ދެމުން ގެންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެެ ހޮސްޕިޓަލެއްގައި ބަހައްޓާނީ 400 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި ޒިންކްރޮނައިޒް ބޯޑެކެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަޙްމަދު ޢާދިލެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

މި މަޝްރޫޢުގެ އަގެއް ފެނަކައިން އަދި ހެލްތުން ވެސް ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި މި މަސައްކަތް ނިންމާނެ މުއްދަތެއް ވެސް ހާމަ ކުރައްވާފައެއް ނުވެއެވެ.