ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުން ފަސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުން ފަސް ކުރަން ނިންމީ އިންތިހާބާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް\ހަބީބް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމެން ކައިރިވެފައި ވަނިކޮށް އެމްޑީޕީން އެ ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި އެ ސިޓީއާ މެދު މަޝްވަރާކުރުމަށްފަހު ކޮމިޝަނުން ނިންމީ އެ ޕާޓީގެ ކަންބޮޑުވުންތައް އަޑުއަހައި މަޝްވަރާ ކުރުމަށްފަހު މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް މިހަފްތާތެރޭ އިއުލާން ކުރުމަށް ކަމަށެވެ.

"އެކަމާ ގުޅޭގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށްފަހުގައި އަޅުގަނޑުމެންގެ ޑިޒިޝަން މިހަފްތާގައި އާންމު ކުރާނަން." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިހާބަށް ގިނަ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އަމަލުކުރާ ގޮތުގެ މައުލޫމާތު ހައިކޯޓުގެ ލީގަލް ބޭފުޅުންނާ އެކީގައި ޓްރެއިނިން ސެޝަނެއް ބާއްވާފައިވާ ކަމަށާއި ކެންޑިޑޭޓުންގެ ކުށާއި ދަރަނީގެ ރިކޯޑް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއެކު ދެ ބައްދަލުވުމެއް ބޭއްވުނު ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އިންތިހާބު ބޭއްވުމަށް ބޭނުންވާ ވޯޓުލާ މަރުކަޒުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.