ހދ. ކޭލަކުނު އީކޯ ޓުއަރިޒަމަށް ފައްކާކުރުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަނދިކަން ނުގެއްލޭ ގޮތަށް އީކޯ ޓުއަރިޒަމަށް ފައްކާ ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. ކޭލަކުނަކީ އީކޯ ޓުއަރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީ އެންމެ އަވަސް ގޮތެއްގައި ކޮށް ނިންމުމަށް ފާސްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޭލަކުނު. ފޮޓޯ: ޒުވާން މަސްވެރިޔާ ފޭސްބުކް ޕޭޖް

ކޭލަކުނު ފަރުތަކާއި މުރަކަތަކަށް ގެއްލުމެއް ނުވާނެހެން އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓީން ރޫމުތަކެއް އެޅެނޭ ގޮތްތަކެއް އޮތްތޯ ބަލައި ދިރާސާ ކުރުމަށްވެސް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކޭލަކުނަކީ 2017 ވަނަ އަހަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލި ރަށެކެވެ.

ކޭލަކުނުގައި އީކޯ ޓޫއަރިޒަމްގެ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.