ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސައި ދިއާންވެއި އާއި އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތައާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައީސްއަށް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނުވެސް އުއްމީދުކުރައްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.