ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

ރައީސްގެ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސްގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

މީގެއިތުރުން އެ ބައްދަލުވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އިގްތިސާދީ ދާއިރާއިން ގުޅުންތައް ވަރުގަދަކުރުމަށް ރައީސް ވަނީ ޗައިނާ ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުންނާއެކު މަޝްވަރާތައް ކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ