ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހުޅުމާލެ ކޯޓުން ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން ހައްޔަރުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ޔުނާން ބަންދުން ދޫކޮށްލާފައިވަނީ، މުޖުތަމައުގެ ސަލާމަތަށްޓަކައި ޔުނާން ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން އެނގެން އޮތުމާއި، އޭނާ ބަންދުން ދޫކޮށްލުމުގައި ދަށު ކޯޓުން ކޮށްފައިވާ ޝަރުތަކަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ޝަރުތުތަކެއް ކަމަށް ނުފެންނަ ކަމަށް ހައިކޯޓުން އިއްޔެ ވަނީ ބުނެފައެވެ.

މީގެ ކުރިން ޕީޖީން ވަނީ ޔުނާން ބަންދުން ދޫކޮށްލިއިރު، ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން ކޯޓުގައި އެދިފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ ހުޅުމާލެ ކޯޓުގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.