މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން، އާޒިމް އަށް ވަނީ 5,303 ވޯޓު ލިބިފައެވެ.

އެމަނިކުފާނާ އާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިފައިވަނީ 3,301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސައިފް ފާތިޙްއަށް ލިބުނީ 1,634 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކުރީގެ ޕޮލިސް ކޮމިޝަނަ ހުސެއިން ވަހީދަށް 1,326 ވޯޓު ލިބުނު އިރު، އަލީ ޝުއައިބް އަށް ލިބުނީ 91 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވަނީ މި އިންތިހާބުގައި ވޯޓު ލީކަމަށް ބެލެވެނީ 40 އިންސައްތަ މީހުން ކަމުގައެވެ.

މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ