އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މި ބަނގުރާ ނައްތާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށެވެ.

ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިޔަރު ދަޅެވެ. މިތަކެއްޗަކީ 2023 ޖުލައި 11 އިން ފެށިގެން 2024 ޖަނަވަރީ 8 އަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި، އެމް.އެން.ޑީ.އެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 248 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 1738 ފުޅިބަނގުރަލާއި 557 ދަޅު ބިޔަރެވެ. އަދި ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށްފައިވާ ބަނގުރަލުގެ 3 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 9 ފުޅިބަނގުރަލާއި ބިޔަރު ދަޅެކެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.