އެއާޕޯޓުގެ ޕޮލިސް ޕޯސްޓް ފުލުހުންނާ ހަވާލުކޮށްފި

0

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފުލުހުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް އެކި ފަރާތްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓުގައި ޤާއިމުކުރި އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، އެމްއޭސީއެލް އިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށް އެއާޕޯޓު ވެފައިވާއިރު، ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވިގެން ދިއުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމަކާއި ފަސޭހައެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

Advertisements

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ދެއްކެވި ވާހަކަ ފުޅުގައި، އެމްއޭސީއެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، އެއާޕޯޓު ޕޮލިސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

http://www.policelife.mv/page/145389

Advertisements