މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ފ.ނިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި ނިލަންދޫ މަގުމަތިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ތަނުން އެކަކުގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް 21 އަހަރުގެ އެކަކަށް ފަސް ދުވަސް އަދި އަނެއް މީހާއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ދ.އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެއިތުރުން، ގދ. ތިނަދޫ އިން 46 އަހަރުގެ ސްރީލަންކާ ފިރިހެނެއް ހައްޔަރުކޮޮށްފައިވާއިރު އެމީހާ ހައްޔަރުކޮށްފައިވަނީ، މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް މީހަކު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާ ފުޅިއް ފެނުމާ ގުޅިގެންނެވެ.

މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.