ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއަރގެ ހެޓްރިކާއެކު ވާދަވެރި ބާސެލޯނާގެ މައްޗަށް 4-1 ގެ ބޮޑު ތަފާތުން ކުރި ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ސްޕަރ ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.
ސައުދީ އަރަބިއްޔާގެ އަލް އައްވަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ރެއާލްއަށް ވިނީޝިއަސް ލީޑް ނަގައިދިނީ ހަތްވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓް ފަހުން އިތުރު ލަނޑެއްޖަހައި ރެއާލްގެ ލީޑް ވިނީޝިއަސް ފުޅާ ކޮށްދިނެވެ. ބާސެލޯނާއިން ފަރަގު ކުޑަކުރީ 33 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. އެކަމަކު 39 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހެޓްރިކް ފުރިހަމަކޮށް ވިނީޝިއަސް ރެއާލްއަށް މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި ދިނެވެ.
ދެވަނަ ހާފް ފަށައިގެން ބާސެލޯނާއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް ރެއާލްއަށް ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ރޮޑްރީގޯއެވެ. އޭގެ ފަހުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބެލިންހަމް އާއި ޑިއަޒް އަދި ޗުއަމެނީއަށް ލިބުނެވެ.
މިދިޔަ އަހަރު ރެއާލް ބަލިކޮށް ސްޕެނިޝް ސްޕަރ ކަޕް ކާމިޔާބު ކުރީ ބާސެލޯނާއިންނެވެ. ރޭގެ ފައިނަލަށްފަހު ބާސާގެ ކޯޗް ޒަހީ ހެނާންޑޭޒް ވަނީ ރެއާލް އަތުން ބޮޑު ބައްޔަކުން ބަލިވުމުން ސަޕޯޓަރުން ކިބައިން މައާފަށް އެދިފައެވެ.