މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ރާއްޖޭގެ މައި ދޮރާށްޓެވެ. މިއަދު ހުޅުވިގެން ދިޔަ އެމްއޭސީއެލްގެ ކާގޯ ސާވިސްއަކީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިފްތިތާހު ކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވި ބިޔަ ބޮޑު މަޝްރޫއު އެކެވެ. މިއީ ސަރުކާރުން އިއުލާން ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަމަޝްރޫއު ގެ ދަށުން ބިންގާއަޅައި ބިނާ ކުރެވުނު އާ ކާ ޓާމިނަލެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާތައް ޕޯޓުން ބޭލުމުން ފެށިގެން ކަސްޓަމަރާ ހަމައަށް މުދާތައް ރައްދުކުރެވެންދެން އޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެނީ އެމްއޭސީއެލްގެ ކާގޯ ސަރވިސަސްއިންނެވެ.

ރާއްޖެއިން ބޭރަށް ގެންދާ މުދާ ޗެކްކޮށް، އޭގެ ބަރުދަން ބަލައި، މަތިންދާ ބޯޓަށް ރައްކާތެރިކަމާއެކު މުދާ އެރުވުމުގެ މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫ އާރް 3 އަދި އަޔާޓާ އައިސާގޯ ސެޓްފިކެޓެ ލިބިގެން، ޓްރާންސިޓް ކާގޯގެ ހިދުމަތަކީ އެމްއޭސީއެލްގެ ކާގޯއިން ދެމުން އަންނަ އެންމެ މުހިންމު އެއް ހިދުމަތެވެ. މި ހިދުމަތް ދެމުން އަންނަތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޔޫރަޕާއި މެދު އިރުމަތިން އަންނަ ފުލައިޓުތަކުން ގެންނަ މުދާތައް އޭޝިޔާގެ އެކި ސަރަހއްދުތަކަށް ފޮނުވަމުންދެއެވެ. މިއީވެސް އީޔޫގެ އާރްއޭ3 ސެޓްފިކެޓް ލިބިފައިވާ ހިދުމަތެކެވެ.

މިހުރިހާ ހިދުމަތެއް މިވަގުތާ ހަމައަށް ދެމުން އަންނަ ޓާމިނަލްގެ ޖާގައަކީ އަހަރެއްގެ މައްޗަށް 50 ހާސް ޓަނުގެ ކާގޯ ނަމަވެސް މިޓާމިނަލުން އަހަރަކު 75 ހާސްޓަނަށް ވުރެ ގިނަ މުދާ ހެންޑްލްކުރެއެވެ، އެހެންކަމުން މިހާރު އެމްއޭސީއެލްއިން މި ހިދުމަތް ދެމުންދަނީ ކެޕޭސިޓީއަށް ވުރެ އެތައް ގުނަ އިތުރަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާގޯގެ ހިދުމަތް ދެމުން އަންނަތާ 40 އަހަރު ވެފައިވާއިރު ހެންޑްލް ކުރާ ކާގޯ އެތައް ގުނައަށް އިތުރުވެ، ޓާމިނަލް ކުޑަވެ، ބާވުމުގެ ސަބަބުން ގިނަ ދަތިތައް ވަނީ ކުރިމަތިވެފައެވެ. މިކަމަށް ހައްލު ގެނައުމުގެ މަގުސަދުގައި ސަރުކާރުން އިއުލާން ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަމަޝްރޫއު ގެ ދަށުން މުޅިން އާ ކާގޯ ޓާމިނަލް މިހާރު މިވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމި، ގިނަދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް މިތަން ބޭނުންކުރަން ފެށިފައި ނުވެއެވެ. ނަމަވެސް ދިވެހި އިގްތިސާދަށް މުހިންމު މިފަދަ އުމްރާނީ ވަސީލަތްތައް ބޭނުން ކުރުމަށް މިއަދުގެ ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ޒަމާނީ ވަސީލަތްތަކާއެކު މިއަދު މިވަނީ ދިވެހި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް އާދުވަހަކަށް އަލިވިލިފައެވެ.

މިއަދު މިޓާމިނަލް ހުޅުވާ ހިދުމަތް ދޭން ފަށާއިރު މިއީ ކުރީގެ ޓާމިލަށްވުރެ 3 ގުނަ ބޮޑު ޓާމިނަލެކެވެ. ބޮޑުމިނުގައި 11628، އެގާރަހާސް ހަސަތޭކަ އަށާވީސް އަކަ މީޓާރު ހުންނާނެއެވެ. މިހާރު ބޭނުން ކުރެވެމުންދާ ޓާމިނަލުން އަހަރެއްގެ މައްޗަށް ހެންޑްލް ކުރެވޭނީ 50 ހާސްޓަނު ނަމަވެސް، އާ ކާގޯ ޓާމިނަލުން، އަހަރެއްގެ މައްޗަށް އެެއްލައްކަ ވިހިހާސް ޓަނު ހެންޑްލް ކުރެވޭނެއެވެ. މީގެ ސަބަބުން މުދާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވި އެއްފަހަރާ ހިދުމަތްދެވޭ މުދަލުގެ އަދަދު 3 ގުނަ އިތުރުވެގެންދާނެއެވެ.

ހަމަމިއާއެކު އާކާގޯ ޓާމިނަލްގެ މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް 3 ބުރީގެ އޮފީސް އިމާރާތެއް ވަނީ ގާއިމު ކުރެވިފައެވެ. މި އޮފީސް އިމާރާތުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުންނަށް ހާއްސަ 55 އޮފީސް ގާއިމުކޮށްފައިވެއެވެ. އާ ކާގޯ ޓާމިނަލްއާއެކު ޓާމިނަލްގެ މަސައްކަތްތަކުގައި ބޭނުން ކުރާނީ ޒަމާނީ ވަސީލަތްތަކެވެ.

މިހާރު ޓާމިނަލްގައި 5 އެކްސްރޭ މެޝިން ހުންނައިރު އާ ޓާމިންލްގައި 9 އެކްސްރޭ މެޝިން ބަަހައްޓާފައި ވާއިރު 2 އިލެކްޓްރޯނިކް ޕްލެޓްފޯމުން 7 އިކެޓްރޯނިކް ޕްލެޓްފޯމަށް މިވަނީ އިތުރު ކޮށްފައެވެ.

ކާގޯ މުދާ އުފުލުމުގައި މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން އެކްސްޕޯޓް ލޯޑިން ޕްލެޓްފޯމްތައް ގާއިމުކޮށް، ކާގޯލިފްޓާސް ހަރުކުރެވިގެންދާނެއެވެ. ކާގޯގެ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރެވިގެންދާއިރު ފާހަގަކުރެވޭ ކަމަކީ ޓާމިނަލް ތެރޭގައި ބޭނުން ކުރެވެމުންދާ އުޅަނދުތަކަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ އިލެކްޓްރިކް އުޅަނދުތަކެއްކަމެވެ.

އާޓާމިނަލާއެކު މުދާތައް ކަނޑުމަގުން ގެންދާ ދޯނިތަކަށް ބަރު ކުރުމަށް ހާއްސަ ކާގޯ ހާބަރެއް ތައްޔާރު ކުރެވިފައިވާއިރު މިސަރަހައްދުގައި 4 ކްރޭން ވަނީ ބެހެއްޓިފައެވެ. މީގެ ސަބަބުން ކަނޑުމަގުން ގެންދާ އަދި ގެންނަ މުދާ އަރުވާ ބޭލުމުގައި އިތުރު ލުއި ފަސޭހައެއް ލިބިގެންދާނެއެވެ.

ކާގޯގެ ހިދުމަތް ފަސޭހަކޮށް އަވަސް ކުރުމަށް އޮންލައިން ކާގޯ އެޖެންޓް ޕޯޓަލް މިހާރު ވަނީ ތައާރަފް ކުރެވިފައެވެ. މި ޕޯޓަލް އާއެކު އެމްއޭސީއެލުން މިހާރު ދެމުންދާ ކާގޯގެ ހިދުމަތްތައް ފަސޭހަކަމާއެކު ކާގޯ އެޖެންޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މިހުރިހާ ހިދުމަތްތަކާއެކު އާ ކާގޯ ޓާމިނަލް މިއަދު ހުޅުވިގެންދާއިރު ވީއައިއޭ ހިދުމަތް މިހާރަށްވުރެ ތަރައްގީކޮށް ޒަމާނީ އާ ހިދުމަތްތައް ތައާރަފް ކުރުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ

މުސްތަގްބަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިގްތިސާދީ މައި ދޮރާށްޓަށެވެ. މިތަސައްވުރު ހާސިލު ކުރުމަށް އަދުގެ ސަރުކާރުން ވަނީ އަމަލީ މަސައްކަތް ފަށްޓަވާފައެވެ. މި ހުޅުވުނު އައު ކާގޯ ޓާމިނަލްއަކީ ހަގީގަތުގައި ވެސް ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް އާ ދުވަހަކަށް އަލިވިލިގެން ދިޔުމެކެވެ.