ޔޫކްރޭންގެ ދެވަނަ ސިޓީ ޚާރކިވްގެ މެދުތެރޭގައި ދިރިއުޅޭ ސަރަހައްދަކަށް ރަޝިޔާއިން ދެ މިސައިލެއް ބޭނުންކޮށް ހަމަލާދީފިއެވެ.

މި ހަމަލާގައި 17 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ދެމީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލޯކަލް އޮފިޝަލުން ބުނެ އެވެ. އެ ސިޓީގެ މޭޔަރު ވަނީ ދެ 'ބާރުގަދަ ގޮވުންތަކެއް' ސިފަކޮށް، މަދުވެގެން 10 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޔޫކްރޭންގެ އިމަޖެންސީ ސާވިސަސް އިން ޓެލެގްރާމްގައި ވިދާޅުވީ އޭގެ ތެރެއިން އެއް މިސައިލް ޖެހިފައިވަނީ ކުރިން މެޑިކަލް ސެންޓަރެއް ހުރި ތިން ބުރީގެ އިމާރާތަކަށް ކަމަށެވެ.

ރީޖަނަލް ޕޮލިސް ޗީފް ވޮލޮޑިމިރް ޓިމޮޝްކޯ ޕަބްލިކް ބްރޯޑްކާސްޓަރު ސަސްޕިލްނޭއަށް ވިދާޅުވީ އެއިން އެއް މިސައިލް ޖެހިފައިވަނީ މަގުމައްޗަށް ކަމަށެވެ. ޚާރްކިވްގެ ރީޖަނަލް ގަވަރުނަރު އޮލެހް ސިނެހޫބޯވް ޓެލެގްރާމްގައި ވިދާޅުވީ 17 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މިގޮތުން 14 މީހުން ހޮސްޕިޓަލުގައި ތިބިއިރު އޭގެ ތެރޭގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދެ އަންހެނުން ހިމެނެ އެވެ.

ޚާރްކިވްގެ މޭޔަރު އިހޯރު ޓެރެޚޯވް ވެސް ޓެލެގްރާމްގައި ލިޔުއްވަމުން ވިދާޅުވީ މިސައިލްތައް ޖެހުނީ އެއްވެސް އަސްކަރީ އިންފްރާސްޓްރަކްޗާއެއް ނެތް ތަނެއްގައި ކަމަށާއި އާދައިގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއްގައި ކަމަށެވެ. މި ހަމަލާގައި 10 އިމާރާތެއް ވަނީ ހަލާކުވެފައެވެ.