ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއިއެކު ކުރަމުންދާ ކަމަށެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ވަނަ ވަގުތީ މިސްކިތެވެ. ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަނީ ވަގުތީ ދެ މިސްކިތް ތަރައްގީކޮށްފައެވެ.

150 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާ ކުރަމުންދަނީ ދެ ޖިންސުގެ މީހުންނަށް ވަކި ބައިތަކެއް ގާއިމުކޮށްގެންނެވެ. މިއީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ މީހުންނަށް މި ރަމަޟާން މަހު އަޅުކަން އަދާ ކުރުމަށް މިސްކިތެއް އެ ސަރަހައްދުގައި އަނެއްކާވެސް ގާއިމުކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެކެވެ.

ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ބިނާކޮށް ރޯދަމަސް ފެށޭއިރު ބޭނުން ކުރެވޭނެހެން ނިންމުން ކަމަށް އެޗްޑީސީން ބުންޏެވެ.