ބޮޑުތަކުރުފާނު މަގުގެ ބަޔަކަށްވާ ގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕު ސްޓޭޝަން އެ ތަނުން ނަގައި، އެ ދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އާ ފިއުލް ޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށް ސްޓެލްކޯ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ފަހުމީ ވިދާޅުވީ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ 7.1 މިލިއަން ރުފިޔާ އަށް ކަމަށާއި ޕަމްޕް ސްޓޭޝަން ނެގުމަށް ރާވާފައިވަނީ އީއައިއޭ އެޕްރޫވް ވާތާ 60 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ސްޓެލްކޯ އިން ދެމުންދާ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ޕަމްޕް ސްޓޭޝަން ހުރުމުން ރައްޔިތުންނަށް މަގު އެއްކޮށް ނުފެންނަ ކަމަށާއި ޓްރެފިކް ފްލޯއަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަހު ކުރަން ބޭނުންވެފައި އެކަމަކު ނުވެ އޮތް ކަމެއް ކަމަށާއި ޕަމްޕް ސްޓޭޝަން ނެގުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި އެ ކުންފުނިން ސާވޭ ހެދުމަށްފަހު ޝީޓް ޕައިލްކޮށް، ޕްލެޓްފޯމް ހަދަންޖެހޭ ފެނުގައި، އެ ތަނަށް ހަދަން ޖެހޭ ސްޓްރަކްޗާގެ މަސައްކަތްކޮށް، މެޝިނަރީޒް ބަދަލުކުރުމަށްފަހު ޑިމޮލިޝް ކުރާނީ، ޕޭވިންސް އާއި އެއްޗެހި ރަނގަޅުކޮށް، މަގު ރަނގަޅު ފެންވަރަކަށް ގެނެސް ރައްޔިތުންނަށް މަގު ބޭނުންކުރަން ފެސޭހަވާނެ ގޮތަށް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މި ދެ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މާލޭގައި ހިންގަމުންދާ ސްޓެލްކޯގެ މައި އިމާރާތާއި އާއި ޖެހިގެން އޮންނަ ދޮން އަދަރާދަ ހިނގުމުގެ މަސައްކަތްތައް މި މަސް ތެރޭގައި ނިންމާ ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކުރައްވާފައެވެ.