ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް މ. އަތޮޅު ބައެއް ރަށްރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހު 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮޅުފުށި، މަޑުއްވަރި، ދިއްގަރު، މުލައް އަދި މުލީ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތާ އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެކަންކަމުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ގޭގައި ގެންގުޅޭ އަގުބޮޑެތި މުދަލަށް ރައްކާތެރިވުމަށާއި ވައްކަންކުރާ ފަރާތްތަކަށް ވައްކަން ކުރުމަށް ފުރުސަަތު ނުދީ ފަރުދީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.