މާލޭ ސަރަހައްދުގައި އިތުރު ތިން މިސްކިތް އެޅުމުގެ ފުރުސަތު އަމިއްލަ ފަރާތަކަށް ދެއްވައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ފަރާތްތަކެއްގެ ދީލަތި އެހީގައި އަޅާ މިސްކިތް ތަކުގެ ތެރެއިން ދެ މިސްކިތެއް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. އަނެއް މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ ތިންބުރީގެ މިސްކިތެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިސްކިތްތަކުގެ މަސައްކަތް ފަށައި ކުރިއަށް އޮތް ދޮޅުއަހަރު ތެރޭގައި ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރުގައި މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވައިލައިފައެވެ.

މީގެ އިތުރުން ސަރުކާރުން މިހާރުވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު މިހާރަށްވުރެ ތިންގުނަ އިތުރުކުރަން ނިންމާފައެވެ.

ސަރުކާރުން މިހާރުވަނީ މެދުކެނޑުމެއްނެތި މިސްކިތްތަކުގެ ހާލަތު ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ ކޮންސެޕްޓް ކަރުދާސް ތައްޔާރުކޮށްވެސް ނިންމައިފައެވެ.