ރާއްޖޭގެ މަޝްހޫރު މޮޑެލް، ކައިޒީން (ޅ. ހިންނަވަރު، ފާތިމަތު ޒަޔާން) އޭނާގެ ބައްޕައާ ދެކޮޅަށް، ބޯޓެއްގެ މައްސަލާގައި ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އައިރު ހާޒިރުގައި ހުކުމް ކުރެވޭނެކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ކައިޒީން ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް ގޮސްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ބައްޕައާއި ދެކޮޅަށް ކައިޒީން ދައުވާ ކޮށްފައިވަނީ 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

ކޯޓަށް ކައިޒީން ހުށަހެޅި މައްސަލާގެ ދައުވާގައި ބުނެފައިވަނީ "މިހިރީ ނަންބަރު 5" ނަމަކަށް ކިޔާ ބޯޓު އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅު އޭނާގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ.

ކައިޒީންގެ ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓުންވަނީ އޭރުވަނީ ވަގުތީ އެމުރެއްވެސް ނެރެފައެވެ. ކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ، ކޯޓުން މިމައްސަލަ ނިމެންދެން ބޯޓު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އަދި ބޯޓުގެ މިލްކުވެރިކަންވެސް އެއްވެސް ފަރާތަކަށް ބަދަލު ނުކުރުމަށެވެ.

ކޯޓުން މައްސަލާގައި ވަކި ގޮތަކަށް ފައިސަލާ ކުރުމުގެ ކުރިން ބޯޓުގެ ރަޖިސްޓްރީއާއި ގުޅޭ އެއްވެސް ނިންމުމެއް ނުނިންމުމަށް ކޯޓުންވަނީ ޓްރާންސްޕޯޓު މިނިސްޓްރީއަށްވެސް އަމުރު ކޮށްފައެވެ.

މައްސަލައާއި ގުޅޭގޮތުން ކޯޓުގައި ވަކާލާތު ކުރަމުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ބޯޓު ގަތުމަށް ކޮށްފައިވާ އެއްބަސްވުމުންވެސް، ބޯޓު ގަތް ފަރާތަކީ އޭނާ (އަލިފުޅު)ކަން އެގެން އޮންނާނެ ކަމަށެވެ. އިތުރަށް އޭނާ ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރީންގެ މުދަލަކީ މައިންބަފައިގެން މުދާ ކަމަށާއި، ދަރީންގެ މުދާ މައިންބަފައިން ބޭނުން ކޮށްގެން ކޯޓުގައި ދާއުވާ ނުކުރެވޭނެ ކަމުގައެވެ.

އެހެންކަމުން ކޯޓުގައި ކައިޒީން ކޮށްފައިވާ ދައުވާގެ ސަބަބުން އޭނާއަށް (ކައިޒީންގެ ބައްޕަ އަލިފުޅަށް) އުފުލާން ޖެހިފައި ވަނީ އިތުރު ތަކުލީފުތަކެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކައިޒީންގެ ބައްޕަގެ ޣައިރު ހާޒިރުގައި މައްސަލަ ބަލައި ނިންމައި ހުކުމް ކުރުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށް ނިންމާފައެވެ. އެހެންނަަމަވެސް ކައިޒީން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ކައިޒީން ހައި ކޯޓުގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހުކުމްގައި ބުނެފައިވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލުކޮށް، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި އުސޫލުތަކުގެ އަލީގައި، ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދި، ކައިޒީންގެ ފަރާތުން ހުށަހެޅި ފޯމުގައިވާ ކަންކަމާމެދު އަލުން ބަލައި، ކޯޓުން ގޮތެއް ނިންމުމަށްޓަކައި ކޯޓުތަކާބެހޭ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.