ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް 'ޤަޟާއީ އަހަރު 2024' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

'ޤަޟާއީ އަހަރު 2024' އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އާއި އެކު އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކޮންމެ އަހަރަކު މި ރަސްމިއްޔާތު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަތުމެވެ. އަދި ފެށޭއަހަރަށް އައު ލަނޑުދަނޑިތަށް ކަނޑައެޅުމެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް ހިދުމަތްކުރާތާ 35 އަހަރުވެފައިވާ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލާ އެބޭފުޅުންނަށް އަރުވާފައެވެ. އެބޭފުޅުންނަށް މިފިލާކޮޅު އެރުވީ ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ.