ކުރިމިނަލްކޯޓަށް ދިމާވެފައި ޢިމާރާތާއި ޖާގައިގެ ދަތިކަމުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތަކެއް މާލޭގައި މިވަގުތު އޮތީ ހުއްޓިފައިކަމަށާއި، އެކަމަކީ ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން، އަވަސް ޙައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޝަރުއީ ދާއިރާގެ 'ޤަޟާއީ އަހަރު 2024' އިފްތިތާޙުކުރުމުގެ ގޮތުން ރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ދަތިތަކާއި އެކު ޖިނާޢީ އަދުލުގެ ނިޒާމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުއްވާ ލައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިގޮތުން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުަގައި ކުރިމިނަލް ކޯޓުެގެ އިމާރާތް ބާވުމުގެ ސަބަބުން އެކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަމުގައި ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ މިކަމަކީ ޖިނާޢީ އަދުލުގެ ނިޒާމް ހުއްޓި، އޭގެ ސަބަބުން، މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ. މިހާރުވެސް ޖިނާޢީ އަދުލުގެ ނިޒާމްގެ ތެރެއިން ކޮންމެހެން ކޯޓުން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޟިރު ކުރުމަަށާއި ފަނޑިޔާރުން އިށީނދެ ވަޑައިގަންނަވާނެ، އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ އޭގެ ނަތީޖާއަކީ، ޖިނާޢީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން ކަމަށެވެ.

ކުރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، އެކޯޓަށް ހުށައެޅުނު މައްސަލަތައް 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު އިތުރެވެ. ނަމަވެސް، ތާވަލު ކުރެވުނު މައްސަލަތަކާއި، ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށް ވާން ޖެހުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ކޯޓުގެ އެއްބައި ހިންގަމުން އައި އިމާރާތް ބޭނުން ނުކުރުމަށް އެންގުމާ ގުޅިގެންނެވެ. އަދި މިކަމުން ކޯޓުގެ ޝެޑިއުލްތަކަށް ބުރޫއަރައި، ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވިކަން އެކޯޓުން ވަނީ ހާމަކޮށްފައެވެ.