އިގްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އަތާ އަތް ގުޅާލައިގެން: ރައީސް ސޯލިހު

0

ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންސިސްގެ މި ކާރުޚާނާއަކީ މާލެ ސަރަޙައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުޚާނާކަމަށާއި، މި ކާރުޚާނާއާއި އައިސް ޕްލާންޓަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުން ދައްކުވައިދޭ ވަރަށް ރީތި މިސާލެއްކަމަށެވެ.

“މި ކާރުޚާނާގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބޭނެކަމާ މެދަކު ޝައްކެއް ނެތް. މި ކާރުޚާނާގެ އިތުރުން، އެންސިސްގެ ފަރާތުން މިއަދު ހުޅުވާ، 100 ޓަނުގެ އައިސް ޕްލާންޓަކީ ވެސް މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisements

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ޞިނާޢަތްތަކަށް ވަނުމަކީ، ޤައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައި ވެސް ވަރަށް ބޮޑެތި އިޤްތިޞާދީ ފައިދާތައް ލިބޭނެ ކަމެއްކަމުގައެވެ. އަދި މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސް ވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“މަޢުލޫމާތު ލިބިފައިވާ ގޮތުން ވިއްޔާ، މި ކާރުޚާނާ އާއި މި ކާރުޚާނާއާ ގުޅިފައިވާ އެހެން ވަސީލަތްތަކާ އެކު، ދިވެހިންނަށް ޚާއްޞަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ. ދެންމެ އަޅުގަނޑުމެންނަށް ފެނުނު ރިޕޯޓުގައިވެސް ފާހަގަކުރި ގޮތަށް، އޭގެ ތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ޚާއްޞަ ވަޒީފާގެ ފުރުޞަތުތަކެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

“ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ލިބެންޖެހޭ ޙަޤީޤީ ފައިދާއެއް ނުލިބޭނެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިވެހި ކަނޑު މަހަށް ރަނގަޅު އަގު ލިބިގެން މިދަނީ، ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯރޓް ކޮށްގެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ، މަސްވެރިންނަށް ދަތިވާ ކަންކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަވާނެކަމުގައެވެ. އަދި، ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

Advertisements