ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޮންމެ ދޯންޏަކުން މަދުވެގެން ރެސްކިއު ޑައިވަރަކު ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އެންމެ ފުރަތަމަ މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގެ މަސްވެރިންނަށެވެ. އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އިއްޔެ ބޭއްވި އެރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަޑަވެލީގައި ބޭއްވުނު މި ޙާއްޞަ ރަސްމިއްޔާތުގައި ޠާރިޤު ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލު ތަކުގެ ސަބަބުން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އެން ހިފުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވަމުންދާކަމަށާއި، އެ ސަބަބާހުރެ ފުޅި އަޅައިގެން އެން ހިފުން މިހާރު ރާއްޖޭގައި އާންމުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފުޅި އަޅައިގެން ފީނާއިރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެހީތެރިވެދޭނަކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަށާއި، އެގޮތުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ފަށާ މުހިންމު މަސައްކަތުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ.

މީގެ އިތުރުންވެސް ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާ ނެރެވޭނެ މަސައްކަތަކެއް ކުރައްވަމުން ދާކަމަށެވެ.

މަޑަވެލީގައި މި ފެށުނު ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށް ދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ތަމްރީނުތައް ކުރިއަށް ގެންގޮސް ދެއްވާނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިއްބެވި ފަންނީ ބޭފުޅުންނެވެ.

ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއި އެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއި އެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސް ވެފައިވެއެވެ.

މިއީ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ހިމަނާފައިވާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވަޢުދެކެވެ.

މަޑަވެލީގައި އިއްޔެ ފެށިޕްރޮގްރާމުގައި 15 މީހަކު ބައިވެރިވެފައިވެއެވެ. މިއީ ދެ ހަފްތާގެ ކޯހެކެވެ.