ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސިންގަޕޫރުގެ ސެކަންޑް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު މާލިކީ ބިން އުސްމާން އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޔޫގާންޑާގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގު ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަޜާ ކުރެއްވި ކަމަށެވެ. އަދި ކުޑަގައުމެއްގެ ހައިސިއްޔަތުން ދެބޭފުޅުން ވެސް ވަނީ މުސްތަގުބަލުގައި، ދެގައުމުގެ ޝައުގުވެރިކަން ހުރި ކަންކަމުން ގުޅުން ބޭއްވުމަށް އެއްބަސް ވެފައެވެ.

ޔޫގަނޑާއަށް މިނިސްޓަރ ޒަމީރު ކުރެއްވި ދަތުރުގައި އެމަނިކުފާނު ވަނީ ގިނަ ގައުމުތަކެއްގެ އިސް ވެރިންނާއި ވަނީ ބައްދަލުކޮށް، ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކޮށްދެއްވާފައެވެ. މިގޮތުން މިނިސްޓަރު ޒަމީރުވަނީ އިންޑިއާގެ ޖައިޝަންކަރާއި ވެސް ބައްދަލު ކުރައްވާފައެވެ.