އިމަޖެންސީ ކޭހެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދޭނީ އެ އިމަޖެންސީއަށް ކަމަށާއި، އިމަރޖެންސީކޮށް ބަލިމީހުން އުފުލާގޮތަށް މޯލްޑިވިއަންގެ ޝެޑިއުލަށް ބަދަލު ގެންނަން ނިންމައިފި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަމީން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން ކަމަށާއި، އެ ޚިދުމަތް 1 މާރިޗް ގައި ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭހެއެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން. މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ!"– ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އެކްސްޕޯސްޓު ކޮށްފައި މިވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީކޮށް އެއަރ އެންބިއުލާންސްގައި މާލެ ގެނައި ކުއްޖާ ނިޔާވެފައިވަނީ ގައުމީ އެެއަރލައިން މޯލްޑިވިއަނުން ގެންނަން މަސައްކަތްކޮށް ލަސްވުމުންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެ އާއިލާގެ އަދި އެރަށުގެ ބައެއް ފަރާތްތަކުން ބުނަމުންދާ މިވާހަކައާ ސަރުކާރުން ދެކޮޅެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ މި ކުއްޖާ މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުންނެވެ.

އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ނިޔާވި ކުއްޖާއަކީ ވިލިގިނލި ސްކޫލްގައި ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރަމުން ދިޔަ ކުއްޖެކެވެ.