ބަނޑު ހިންދަން އެކިކަހަލަ ކަންތައްތައް ކުރަނީ ހަގީގަތުގައި ވެސް ބަނޑެއްލާފައި ހުރުމުން، އެކަމާ ހިތްދަތިވެ ކަންބޮޑުވާތީއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ސިއްހަތު ދެކެ ލޯބިވާ މީހުން ބަނޑެއްލާތީ ދެރަވެ ކަންބޮޑުވާ ފަދައިން ޒުވާން ޖިންސުއްލަތީފުންނެކޭ، ޒުވާން ފިރިހެންބޭފުޅުންނެކޭ މިކަމުގައި ތަފާތެއްނެތެވެ.

އަންހެންބޭފުޅުން ބޭނުންވާކަހަލަ ނަލަނަލަ ހެދުމެއް ލައިގެން ހުންނައިރު ވަކިން ބަނޑު ބޭރަށް ހުންނަތަން ފެނުމަކީ އެމީހުންނަށް ވަރަށް ބޮޑު ހިތާމައެކެވެ. ހަމައެހެންމެ ފިރިހެން ބޭފުޅުންނަށްވެސް ބަނޑެއް ހުރުން ކަމަކުނުދެއެވެ. ސިކްސްޕެކްއަށް މަސައްކަތް ކުރަނީ އިމްތިހާނު ޕޭޕަރަށްވެސް މަސައްކަތް ނުކުރާ ވަރަށެވެ.

ކޮންމެއަކަސް ބަނޑެއް ހުރުމަކީ މީހާގެ ނަފްސަށް އެކަމުން އެތަކެއް އުނދަގުލާއި ގެއްލުން ވާ ކަމަކަށް ވާތީ ބަނޑު ހިންދަން މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަން ގައިމެވެ.

މިކަމަށް ވަރަށް ފަސޭހަ ގޮތެއް ބުނެދެން ހެއްޔެވެ. ހަރަދު ކުޑަ އަދި ފަސޭހަ ވެސް ގޮތެކެވެ. މިއީ އެތެރެހަށްޓަށް ފިނިވެސް ކޮށްލަދޭނެ ބުއިމެކެވެ. މިބުއިމުގައި ބޭނުންކޮށްފައިވާ ތަކެއްޗަކީވެސް އޭގެ ޒާތުގައި ބަރުދަނާއި ކޮލެސްޓްރޯލްފަދަ ކަންކަމުން މީހާ ސަލާމަތްކޮށްލަދޭނެ ތަކެއްޗެވެ.

މިންޓް ފަތްތަކުން ހަޖަމުކުރާ އެންޒައިމްތައް އުފެއްދުމަށް ބާރުއަޅައި، ކާނާއިން ނިއުޓްރިއެންޓްސް ވަކިކޮށް ނަގައިދިނުމަށް މަގުފަހިކޮށްދެއެވެ. އެންހަންސްޑް ނިއުޓްރިއަންޓް އެސިމިލޭޝަންގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ މެޓަބޮލިޒަމް ހަރުދަނާ ކޮށްދެއެވެ.

ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ ލުނބޯގެ ފައިދާ ނުހަނު ބޮޑެވެ. ބަނޑުހިންދުމަށް ކޮންމެ ރެސިޕީއެއް ހެދިޔަސް ލުނބޯ އޭގައި ހިމެނޭނެއެެވެ.

ކިޔުކަމްބާގައި ފައިދާހުރި ނިއުޓްރިއެންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާއިރު މިއީ ސަރުބީ ޖެހުމުން ދުރުކޮށްދީ، ސަރުބި ވިރުވާލަދޭ ބާވަތެކެވެ.

  • 3 ޖޯޑު ފިނިކުރި ފެން
  • 1 ކިއުކަންބާ (ފޮތިފޮތިކޮށް ކޮށާފައި)
  • މިންޓް ފަތް
  • 1/2 ފޮތި ލުނބޯ
  • 1/2 ފޮތި އޮރެންޖް

މިހުރިހާ އެއްޗެއް މިކްސްޗަރުގައި ގިރާލާށެވެ. އެހެރީ ބުއިން ތައްޔާރު ވެފައެވެ. ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ. ޔަގީނުންވެސް ބަނޑުގައި ހުރި ސަރުބީތަކަށް އަސަރު ކުރަން ފަށާނެއެވެ.

(މައުލޫމާތު: ހެލްތުލައިފް/ބެލީފެޓްޓޮޕްސް)