އެއީ މަސައްކަތުގެ ނަމޫނާއެއް، އަދިވެސް އެންމެ އުހުގައި

0

އެއަތުން ލައްކަ މީހުންނަށް ޚިދުމަތް ދެއްވައިފިއެވެ. އެއްވެސް ކުރަކިކަމަކާ ނުލައެވެ. އަދިވެސް އެއަތަކު ކުރަކި ކަމެއްނެތެވެ. އަދިވެސް ޚިދުމަތުގައެވެ. އޭނާގެ އަތުންކައްކައިފައި އެތައް ބަޔަކަށް ކާންދޭތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާގެ ގަލަމުން ލިޔެފައިވާ ރެސިޕީތައް ބަލައިގެން އެހެން މީހުން ކައްކަމުން ގެންދާތާވެސް އެހާދުވަސް ވެއްޖެއެވެ.

ތިޔަ ހީކުރެއްވީ ހަމަ ރަނގަޅަށެވެ. އެއީ އައްޑޫ ސިޓީ މަރަދުއަށް އުފަން ކުޅަދާނަ ކެއްކުންތެރިޔާ، ޖުވޭރިއްޔާ ވަޖުދީ (ޖުވޭ) އެވެ. އޭނާއަކ ހަމައެކަނި ކެއްކުންތެރިއެއް ނޫނެވެ. ޖުވޭ ވިދާޅުވާ ގޮތުގައި ކަމެއް ޙާސިލް ކުރުމަށް ވަގުތާ އެއްވަރަށް މަސައްކަތް ކުރަންޖެހެއެވެ. މަސައްކަތާ އެއްވަރަށް ނަތީޖާވެސް ނުކުންނަންޖެހެއެވެ. ނަތީޖާއެއް ނުނިކުންނަ މަސައްކަތަކުން ލިބޭނެ ފޮނިމީރު ކަމެއް ހަމަހިލާ ނޯންނާނެއެވެ.
ޖުވޭ މަސައްކަތްކުރެއްވީ މިހުރިހާކަމަކަށް ވިސްނަވައިގެންނެވެ. ޖުވޭއަކީ ވިޔަފާރިވެރިއެކެވެ. ލިޔުންތެރިއެކެވެ. ޓީވީ/ރޭޑިއޯ ހުށަހެޅުންތެރިއެކެވެ. ކެއްކުންތެރިއެކެވެ. މުދައްރިސެއްވެސް މެއެވެ. މުދައްރިސަކަށްވަނީ ސްކޫލަކަށް ގޮސް ކިޔަވައިދިނީމައެއް ނޫނެވެ. މިހާރުވެސް އޭނާ ގެންދަވަނީ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ތަފާތު މަސައްކަތްތަކާއި ކަސްރަތާއި، ކެއްކުން ފަދަ އެތައް ކަމެއް ޒުވާނުންނަށް ދަސްކޮށްދެމުންނެވެ.
ތަފާތުކާނާގެ ސިލްސިލާގެ ހުރިހާ ފޮތްތަކަކީ ސީދާ ޖުވޭގެ އުފެއްދުމެވެ. އެއަށް ވަރަށްގިނަ މީހުންގެ ތަރުޙީބުވެސް ވަނީ ލިބިފައެވެ. ޖުވޭ ލިޔެފައިވާ ފޮތްތަކުގެހުރިހާވެސް މަސައްކަތެއް ކުރައްވާފައިވަނީ އަމިއްލައަށެވެ. ޓައިޕްކުރުމާއި، އެޑިޓް ކުރުމާއި، ޕްރޫފްބެލުން ފަދަ ކަންކަމެވެ. ފޮތްތައް ވިއްކަވަނީ ވެސް އަމިއްލައަށެވެ. ފޮތްފިހާރަތަކަށް ލައިގެންނާއި މައުރަޒުތަކާއި ފެއާތަކުގައި ބައިވެރިކޮށްގެންނެވެ. ޖުވޭ ލިޔުއްވި ބައެއް ފޮތްތަކަށް ވަނަ ވެސް ލިބިފައިވެއެވެ.

Advertisements

މިހާތަނަށް އޭނާވަނީ 6000 އަށްވުރެ ގިނަ ރެސިޕީ ތައްޔާރުކޮށް އާންމުނާ ހަމައަށް ގެނެސްދީފައެވެ. އޭގެތެރެއިން 3000 އަށްވުރެ ގިނަ ރެސިޕީއަކީ ޖުވޭ އަމިއްލައަށް ނަންދީގެން ނެރެފައިވާ އަމިއްލަ ތަރިކައެވެ. ޖުވޭ މަސައްކަތް ނުކުރައްވާ ދާއިރާއެއްނެތް ކަމަށް ބުންޏަސް ދޮގަކަށްނުވާހާ ގިނަ މަސައްކަތް އޭނާ ކުރައްވައެވެ. އޭނާއަކީ އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) ގެ ނާއިބު ރައީސާއެވެ. އޭނާއަކީ ވިމެންސްއާޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަންއޮފް މޯލްޑިވްސްގެ ވެސް ނާއިބް ރައީސާއެވެ. އޭނާއަކީ އެސްއެމްއީ ކައުންސިލްގެ ވެސް ނާއިބުރައީސާއެވެ. ސަބާމޯލްޑިވް ބޯޑުގެ ނާއިބު ރައީސާއަކީ ޖުވޭއެވެ.

ޖުވޭ މިހާތަނަށްވަނީ 880 އަށްވުރެ ގިނަ ތަފާތު ޕްރްގްރާމް ހައްދަވައި ރައްޔިތުނާ ހަމައަށް ގެނެސްދީފައެވެ. ޓީވީއާއި ރޭޑީއޯ މެދުވެރިކޮށެވެ. ޖުވޭއަކީ އޭނާ އެކަމެއްގެ ތެރެއަށް ވަދެފިކަމަށްވާނަމަ އެންމެ އުހަށްދިޔުމަށް މަސައްކަތް ކުރައްވާ ކަނބަލެކެވެ. ޖުވޭއަކީ އަތްތެރި މަސައްކަތްތެރިއެކެވެ. އެމަސައްކަތްތައް ދަސްކޮށްކުރައްވައިގެން ގޭގައި އިންނަވަނީއެއް ނޫނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުންނަށް މަސައްކަތް ދަސްކޮށްދެއްވައެވެ. ޖުވޭގެ މަސައްކަތްރިކަމުގެ ހުނަރުން މަދުވެގެން 25  ބާވަތެއްގެ އެއްޗެހި ހައްދަވައެވެ. މިހާތަނަށްވަނީ އެމަސައްކަތް މަދުވެގެން 800 އަށްވުރެ ގިނަމީހުންނަށް ދަސްކޮށްދެއްވައިފައެވެ. ޖުވޭގެ އެވޯޑު ހަރުގަނޑު ދުށިންހެއްޔެވެ؟ މިރާއްޖޭގައި އަންހެނަކަށް އެވޯޑެއް ދޭކަމަށްވާނަމަ އެ އެވޯޑެއް އެ ހަރުގަނޑުގައި އެބަހުއްޓޭ ބުންޏަސް ދޮގަކަށް ނުވާހާ ގިނައެވެ. 2014 ވަނަ އަހަރު ފާހަގަކުރި ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހު ސަރުކާރުންވަނީ “ރެހެންދި އެވޯޑު” ޖުވޭ ދެއްވައިފައެވެ. އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީން ދެއްވި ކަނބައިދި އެވޯޑު ޙާސިލް ކުރެއްވިއެވެ. ވިމެންސް އޮންބޯޑުން ދެއްވާ ބެސްޓް މެނޭޖަރގެ އެވޯޑާއި، ލީޑިން ވުމަން އެވޯޑުވެސް ހާސިލް ކުރެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެފަހަރު ލިބިވަޑައިގެންނެވިއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންނެވިއެވެ. ސިންގަޕޫރުގެ އިންސްޓިޓިއުޓަކުން ދެއްވާ މާސްޓަރ ޝެފް އެވޯޑް ލިބިވަޑައިގެންނެވިއެވެ. މީގެ އިތުރަށް ވެސް ބައިވަރު އެވޯޑު އެހަރުގަނޑުގައި އެބަހުއްޓެވެ. ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓް   (ވިމް) އެވޯޑު ވެސް އޭނާ ވަނީ ޙާސިލް ކުރައްވައިފައެވެ.  އޭނާ ވަނީ މިއަހަރު ސްވީޕުން ދެއްވި ޝެފްޑީ އެކްސެލެންސް އެވޯޑުވެސް ހާސިލް ކުރައްވައިފައެވެ. އެއީ ބައިނަލްއަގުވާމީ އެވޯޑެކެވެ.

ޖުވޭގެ ޚިދުމަތްތަކުގެ ވާހަކައަކީ އެންމެ މަޒުމޫނަކުން، ރިޕޯޓަކުން ދެއްކޭނެ ވާހަކައެއް ނޫނެވެ. ޖުވޭއަކީ މަސައްކަތްތެރިއެކެވެ. ޖުވޭއަށް އަދިވެސް އޮތީ ފާގަތި މުސްތަގުބަލެކެވެ.

Advertisements