ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހާއްސަ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލިހުން ނިންމަވައިފިއެވެ.

މިނިންމުން އާންމުކޮށް ހާމަކޮށްދެއްވީ ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހާއްސަ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި އެ ދިރާސާތައް ކުރިއަށް ގެންދިއުމަށް މަޖިލިހުން ނިންމެވީ ސިޓީތަކާއި އިދާރާ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެންކަމަށެވެ.

ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ގައުމުގެ ތަރައްގީގައި މުހިންމު ބައެއްކަމަށާއި ސަމާލުކަން ދޭންޖެހޭ ބައެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މި ދާއިރާތަކުން އިތުރު މައުލޫމާތު ހޯދުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެެވެ. އެ ދިރާސާތަކުގެ ޕްލޭން ކުރުމަށް ކަމާ ގުޅުންހުރި އިދާރާ ހިމެނޭ ޓެކްނިލް ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމަވާފައެވެ.

އެ ދިރާސާތައް ކުރިއަށް ގެންދާއިރު 1000 މީހުންނަށްވުރެ ކުދި އާބާދީތަކުގައި ދިރާސާތައް ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލްގެ އެހީތެރިކަމާއެކުކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑެތި އާބާދީތަކުގައި ދިރާސާތައް ކުރިއަށް ގެންދިއުމުގައި ވޮލެންޓިއަރުގެ އެހީ ބޭނުންކުރުމަށް އުސޫލެއް އެކުލަވާލުމަށް ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"މި ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެހުރި ހަވާސާ ވެފައިތިބި ދޮށީ އުމުރުގެ މީހުންނާއި ހާއްސަކޮށް އަޅާލަންޖެހޭ ޙާލަތެއްގައި ތިބި ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަނެ އެމީހުންނަށް އެންމެ ފުރަތަމަ މަރުހަލާގައިވެސް ދޭންޖެހޭ އެހީތެރިކަން ދެނެގަނެވި އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓުން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމަށް ނިންމުނު،" ނާޒިމް ވިދާޅުވިއެވެ.