އިސްލާމްދީނާއި ގައުމިއްޔާތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެއް ދެވޭ ގޮތަށް ސުކޫލުތަކުގެ ހަރަކާތްތައް ރާވާ ހިންގާނެ އުސޫލެއް އެކުލަވާލުމަށް ނިންމައިފިއެވެ.

އެންމެ ފަހުން ބޭއްވި ސޯޝަލް ކައުންސިލުގެ ބައްދަލުވުމުގެ ނިންމަވާފައިވާކަން ހާމަކުރެއްވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ސުކޫލުތަކުގެ ކޮންމެ ދަންފަޅިއެއް ފަށާއިރުވެސް ގައުމީ ސަލާމް ކިޔުމާއި ސުކޫލުތަކުގެ އެސެމްބްލީގައި މިހާރު ކަންކަން ކުރާ ގޮތް އިތުރަށް މުރާޖާކޮށް އިސްވެ ދެންނެވި މަގުސަދުތައް ހާސިލުވާނެ ގޮތަށް އެސެމްބްލީތައް ފަރުމާކޮށް ބައްޓަންކުރުން ހިމެނޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ކަލެންޑަރކޮށްގެން ތާވަލު އެކުލަވާލައިގެން އެ މަގުސަދުތައް ހާސިލުވެގެންދާނެ ގޮތަށް ކަންކަން ތަރުތީބުކުރުންވެސް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައިވާކަމަށާއި ސުކޫލުތަކުގައި ދިވެހި ބަހަށް އިސްކަން ދިނުމަށް އަމަލީގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީވެސް ކުރުމަށް ކަނޑައެޅިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން ދަރިވަރުންނަށް ބޭނުންވާ އިލްމީ ދަރުސްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާކަމަށެވެ.