ރެފްރީންގެ ފަރާތުން ރެއާލް މެޑްރިޑަށް 'ފަސޭހަތައް" ވަމުންދާ ކަމަށާއި ސްޕެނިޝް ލަލީގާގައި މިސީޒަނުގައި ރެއާލް އަތުލުމަކީ އެއްވެސް ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވާދަވެރި ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ޒަވީގެ ހިތްހަމަ ނުޖެހުން މިއައީ ރޭ އަލްމީރިރާއިން ދެލަނޑުގެ ލީޑެއް ފުރަތަމަ ހާފުގައި ނަގާފައި ވަނިކޮށް ދެވަނަ ހާފުގައި ރެއާލްއިން ތިން ލަނޑު ޖަހައި މެޗް ކާމިޔާބު ކުރުމުންނެވެ. އަލްމީރިއާ ކޮޅަށް ރެއާލްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑަކީ ޕެނަލްޓީއިން ކާމިޔާބު ކުރި ދެލަނޑެވެ.
"އަހަރެމެންނަށް ކޮންޓްރޯލް ނުހިނގާ ކަންތައްތައް އެބަހުރިި. ރެފްރީންގެ ސަބަބުން އަހަރެމެންނަށް މިސީޒަނުގައި 6 ޕޮއިންޓް ގެއްލިއްޖެ. އެކަމަކު ވާދަވެރި ޓީމުތަކަށް ރެފްރީންގެ ސަބަބުން ބޮޑެތި ފައިދާތަކެއް އެބަކުރޭ. ސުވާލު އުފެދޭފަދަ ހާލަތްތަކުގައި ޕެނަލްޓީތައް އެބަލިބޭ" ޒަވީ ބުންޏެވެ.
ލީގުގެ ފުލުގައި އޮތް އަލްމީރިއާގެ މުހިއްމު ކުޅުންތެރިޔާ ގޮންޒާލޯ މެލެރޯ ބުނީ ރެއާލްއިން ރޭ ތިން ޕޮއިންޓް "ފޭރިގަތީ" ކަމަށެވެ.
ލީގުގައި ރޭ ބާސެލޯނާ ވަނީ 4-2 އިން ރެއާލް ބެޓިސް އަތުން މޮޅުވެފައެވެ. ރެއާލް އާއި ބާސެލޯނާ ރޭ އިރާކޮޅު މޮޅުވެފައި ވަނިކޮށް، ރޭ ދަންވަރު ސެވިއްޔާއާ ވާދަކޮށް ޖިރޯނާ 3-1 އިން މޮޅުވުމުން އެޓީމަށް ވަނީ ލަލީގާ ތާވަލުގެ އެއްވަނަ އަލުން ލިބިފައެވެ.
މަޝްހޫރު ކޯޗް ޕެޕް ގާޑިއޯލާގެ ހިއްސާ އޮންނަ ޖިރޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 51 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރެއާލް އޮތީ 50 ޕޮއިންޓާއެކުއެވެ. އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ ތިންވަނައިގައި އޮތީ 44 ޕޮއިންޓާއެކުއެވެ.