އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ޖޯން ސީ އެކިއުލީނޯ އެމްއެންޑީއެފްގެ މައި މަރުކަޒަށް ވަޑައިގެންނެވުމުން، އެމްއެންޑީއެފުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ޖޯން ސީ އެކިއުލީނޯ އެމްއެންޑީއެފްގެ މައިމަރުކަޒަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް އެމްއެންޑީއެފުން މަރުހަބާ ދެންނެވީ، އެމްއެންޑީއެފްގެ އެޑްޖުޓެންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ. އަދި، އެޑްމިރަލް ޖޯން ސީ އެކިއުލީނޯގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ.

އެޑްމިރަލް އެކިއުލީނޯ އެމްއެންޑީއެފްގެ މައިމަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި، ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ، އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ރައްކާތެރިކަން ކުރިއެރުވުމަށާއި، ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުން އާލާކުރުމާ ބެހޭގޮތުންނެވެ.

އެޑްމިރަލް އެކިއުލީނޯ އެމްއެންޑީއެފްގެ މައިމަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ވަފުދާއެކު އަސްކަރީންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ސީނިއަރ އެންލިސްޓެޑް ލީޑަރުން (އެސްއީއެލް) އާ އެކު އިންޓަރެކްޓިވް ސެޝަނެއް ވެސް ބޭއްވިއެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ އެންމެ އިސް އެންސީއޯ، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންްޓް މޭޖަރ އަދުނާން ޢަލީ އިސްކޮށް ބައިވެރިވެލެއްވި މި ސެޝަންގައި، އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ވަފުދާއެކު، ދެ އަސްކަރިއްޔާގެ އެންސީއޯއިންގެ ގުޅުން ބަދަހިކުރުމުގެ މައްޗަށާއި، ދެ އަސްކަރިއްޔާގެ މެދުގައި ހިއްސާކުރެވޭ އަގުތަކާއި އެއްބާރުލުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި މަޝްވަރާކުރައްވާފައިވެއެވެ.