ޗައިނާގެ އުޗްޓޫރްޕަން ކައުންޓީއަށް އައި ބިންހެލުމުގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ޝިންޖިއާން ޑެއިލީ ނޫހުން ބުނެފި އެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަ މީހުން ޒަހަމްވެފައިވާ އިރު އޭގެ ތެރެއިން ދެ މީހަކަށް ވަނީ ބޮޑެތި އަނިޔާ ތަކެއް ލިބި ހާލު ދެރަވެފައެވެ.

މި ކާރިސާގައި އެ ސަރަހައްދުގައި ހުރި ހަތް ގެއެއް ވަނީ ބިމާހަމަވެފައެވެ. އަދި 78 ގެއަށް ގެއްލުން ތަކެއް ލިބިފައި ވާއިރު، ކާރިސާގެ ސަރަހައްދުގައި ބައެއް ދަނޑުވެރިކަމުގެ ތަންތަން ވަނީ ފުނޑުފުނޑުވެފައެވެ.

އުޗްޓޫރްޕަން ކައުންޓީއަށް 7.1 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ބެއިޖިން ގަޑިން 02:09 (ރާއްޖޭގެ ގަޑިން 23:09) ހާއިރެވެ. މި ބިންހެލުމާ ވިދިގެން އިތުރު ކުދި ކުދި ބިންހެލުން ތަކެއްވެސް އައިސްފައިވާ ކަމަށް ޗައިނާގެ ބިންހެލުމާ ބެހޭ ސެންޓަރރުން ވަނީ ބުނެފައެވެ.