ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އަދި ލޫޅާފަތި ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަށް ކޮންމެ މީހަކު އުންމީދު ވެސް ކުރާނެއެވެ. މިފަދަ ހަށިގަނޑެއް ލިބޭނީ ބަނޑުގައި ހުންނަ ލޮކި މަސްތަކާއި ސަރުބީ ވިރުވައިގެންނެވެ. އެކަން ކުރުމަށްޓަކައި ކަސްރަތު ކުރަން ޖެހެއެވެ. ކެއުން ވަކިގޮތަކަށް ބައްޓަން ކުރަންޖެހެއެވެ.

މި ލިޔުމުގައި މިކިޔައިދެނީ ބަރުދަން ލުއިކުރުމަށް ބޯން ރަނގަޅު ތިން ބާވަތެއްގެ ޖޫހެވެ. ކޮންމެރެއަކު ނިދުމުގެ ކުރީން މިއިން ވައްތަރެއްގެ ޖޫހެއް ބޭނުން ކޮށްލުމުން ތިބާއަށް އެންމެ އެދެވޭ ނަތީޖާ ފެނިގެން ދާނެކަމަށް ތަޖުރިބާކުރި މީހުން ވަނީ ބުނެފައެވެ.

ކެރޮޓް ޖޫސް

ކެރެޓަކީ އަހަރެމެން ދިވެހިން އާއްމު ގޮތެއްގައި ސެލެޑް ފަދަ ތަކެތި ތައްޔާރު ކުރަން ބޭނުންކުރާ ތަރުކާރީއެކެވެ. ކެރެޓު ޖޫހަކީ ދިވެހިންނާ މާ ރައްޓެހި ޖޫހަކަށް ނުވިނަމަވެސް މި ޖޫހަކީ ފާއިދާއިން ފުރިގެންވާ ކޮންމެ ދުވަހަކު ހެން ބޯލަން ރަނގަޅު ޖޫހެކެވެ.

ކެރެޓު ޖޫހަކީ ދިފާއި ނިޒާމު ވަރުގަދަ ކޮށްދީ ހިތުގެ ބަލިތައް ޖެހުމުގެ ފުރަސަތު ކުޑަ ކޮށްދޭ ޖޫހެކެވެ. މީގެ އިތުރުން މި ޖޫހަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ ބުއިމެކެވެ. މިނޫންވެސް އިތުރު ފައިދާ ތަކުން މިޖޫސް ވަނީ ފުރިފައެވެ. އެހެން ކަމުން މިއީ ބަރުދަން ލުއި ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ ފަރާތްތަކަށް ބޯލަން ރަނގަޅު ޖޫހެކެވެ.

ބީޓްރޫޓް ޖޫސް

ބީޓްރޫޓް ޖޫހަކީ އޭގައި ގިނަގުނަ ފައިދާ ހިމެނޭ ތަރުކާރީއެކެވެ. ބީޓްރޫޓް ޖޫހަކީ ކެންސަރު ބަލިން ދިފާއު ކޮށްދޭ ޖޫހެކެވެ. މީގެ އިތުރުން އެއީ އެއްވެސް ވަރަކަށް ކޮލެސްޓްރޯލް އަދި ފެޓްސް ހިމެނޭ ތަރުކާރީއަކަށް ނުވާތީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް މިވަނީ ވަރަށް ރަނގަޅު ޖޫހަކަށް ވެފައެވެ.

އާމްލާ ޖޫސް

އާމްލާ ޖޫހަކީ ހަކުރު އަދި ލޭގެ ޕްރެޝަރ ކޮންޓްރޯލް ކޮށްދީ، ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ ޖޫހެކެވެ. އަދި ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް މަތިކޮށްދީ ކެލޮރީޒްގެ "ބާރނިންގް ސްޕީޑް " މަތި ކޮށްދޭ ބުއިމެކެވެ. މީގެ އިތުރުން މި ޖޫހަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ވެސް ނެތި ކޮށްދޭ އެތައް ފައިދާއަކުން ފުރިފައިވާ ޖޫހެކެވެ.