ދުނިޔެއާ ހެދި ރުޅި އިސްކޮށް ދުނިޔެއަށްޓަކައި އަރާރުންވުމުން ދުރުހެލިވުމަށާއި، ރުޅި މަޑުކޮށް، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

"ރުޅިމަޑުކުރުން" މި މަޢުޟޫއަށް ހާއްސަކޮށްގެން މިއަދު ގެނައި ހުކުރު ހުތުބާގައި ވަނީ ރުޅިވެރިކަމުގެ ސަބަބުތަކާއި ރުޅި މަޑުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.

ރުޅި މަޑުކުރުން އެހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށް ހުތުބާގައި ބުންޏެވެ. ރުޅިމަޑުކަމަކީ، މާތް ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއްކަން ފާހަގަކުރުމާއެކު ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމަ ރުޅި ސިފަކޮށްދެއްވާފައިވާ ގޮތް ހުތުބާގައި ބަޔާންކޮށްދިނެވެ.

ރަސޫލުޞައްލަﷲ އަލައިިހި ވަސައްލަމަ ރުޅި ސިފަ ކުރައްވާފައި ވަނީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ގޮތުގައެވެ. އެހެންކަމުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް ވެސް ކޯފާ އިސް ނުކުރެއްވުމަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި، މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެންނަކަން ހާމަކުރުމާއެކު މިއަދުގެ މުޖުތަމައުން ފެންނަނީ ބަދަލުހިފުމުގެ ރޫޙު ކަމަށް ވެސް ބުންޏެވެ.

"ވަރުގަދަ މީހަކީ، ހިފާ ބަލިކުރާމީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ." ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

ހުތުބާގައި ވިދާޅުވީ ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވަން ކަމަށެވެ. އެއީ މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މުސްލިމް އަޚުންނޭވެ! އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެމީހުން ރުޅި އަންނާނީ، ﷲ އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ އަކީ، އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫންކަން" ޚުތުބާގައި ވިދާޅިއެވެ.

އިންސާނުން އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެކަމަށާއި، ގަނެ ވިއްކުމުގެ މުއާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެކަމަށްވެސް ހުތުބާގައި ނަސޭހަތްތެރިވެ ބުނެފައިވެއެވެ. އިންސާނުން އުޅެންވާނީ އަވަދިނެތިވެ އިސްލާމް ދީނަށްޓަކައިކަމަށާއި، ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަން ޚުތުބާގައިވަނީ ހަނދާން ކޮށްދީފައެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި، ދުނިޔެއަކީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއްކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.