އެ މީހުންވަކިވެގެން ދިޔައީ ވޭނީ ހިތާމައިން އަޅުގަނޑުމެން ރޮއްވާފައި

0

މިދައްކަނީ ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެކުވެރީންނާއި ޢާއިލާގެ މީހުންގެ ވާހަކައެވެ. ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެ ވާހަކައެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު އެމީހުންގެ ހަނދާނުން ދެލޯ ތަންމާލައެވެ. ހިތްމަޑުމޮޅިކަމާއެކު އެފުންހިތާމައިގެ ތެރެއަށް ގަންބާލައެވެ.

ދިރާއްޖޭގައި އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަ ކުރަން ފެށީ 26 ޑިސެމްބަރު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާ ގުޅިގެންނެވެ. އެކާރިސާ އަކީ އަޅުގަނޑުމެން މިދިރިއުޅެމުންދާ ކުދި ޖަޒީރާ ތަކުގެ ނާޒުކަމަށް ހޭލައްވާލި ދުވަހެވެ. މީގެ 15 އަހަރު ކުރިން ކުރިމަތިވި އެކާރިސާގެ ހަނދާންތައް އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް ހަނދާނުގައި އެބަހުއްޓެވެ.

Advertisements

އެދުވަހު ދިވެހިންގެ ކިބައިން ފެނިގެން ދިޔައީ ދިވެހީންގެ ޤައުމީ ރޫހެވެ. އެއްބައިވަންތަކަމެވެ. ހިތްތިރި ކަމެވެ. ހިތުގައި ބިންވަޅު ނެގިފައިވާ ނަފުރަތު، އެދުވަހު ވެގެންދިޔައީ ކުލުނާ އޯގާތެރިކަމަށެވެ. އެއްވެސް މީހެއްގެ ހިތުގައި އަނެކާއާއި މެދު ހަސަދަވެރިކަމެއް ނެތެވެ. އެންމެންވެސް ބޭނުންވީ، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވުމަށެވެ.

ދިވެހީން އެދުވަހު ދުނިޔެއަށް ދެއްކީ އެއްބައިވަންތަކަމުގެ ލާމިސާލު ނަމޫނާއެވެ. އެއް އުއްމަތަކަށް ނިސްބަތްވާ، އެއް ހަށިގަނޑެއްގައި ޤައުމީ ލޭ ދައުރުވަމުންދާ ކަމުގެ ޝުއޫރެވެ. ނަމަވެސް އޭގެ ފަނަރަ އަހަރު ފަހުން މިއަދު އެންމެ ބޮޑަށް ބިރު ހީވެފައި އޮތް ކަމަކީ، އަޅުގަނޑުމެންގެ އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެވެ. ފެނިގެންދަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ދީނަށް ފުރައްސާރަ ކުރާމީހުންވެސް މިކުޑަ ދިވެހި މުޖްތަމަޢުގައި ފިތުނަ ފަސާދަ ފެތުރުމަށް މަސައްކަތް ކުރާ ތަނެވެ.

ދުނިޔޭގެ ޤައުމުތައް އެކަމަކާއި ޖެހި، ހަލާކުވެ ސުންނާފަތި ވެގެން ގޮސްފައިވާ ފިކުރީ ހަނގުރާމައިގެ ހުޅު މިވަނީ އަޅުގަނޑުމެންގެ މުޖްތަމަޢުން ވެސް ފެންނަން ފަށައިފައެވެ. މިފަދަ ކަންކަން ފެންނަން ފަށައިފައިވާއިރު ވިސްނާލަންވީ ހަޤީގަތެއް އެބައޮތެވެ. އެއީ މިފަދަ ފިކުރީ ހަނގުރާމައިގެ އަވައިގައި އަޅުގަނޑުމެން އޭރު ޖެހިފައި ތިބި ނަމަ، އެދުވަހު އަޅުގަނޑުމެންގެ ތެރެއިން ގެއްލި ފުރާނަ ދޫކޮށް ދާނީ ހަމަ އެކަނި 82 ނުވަތަ 108 ދިވެހީންނެއް ނޫނެވެ. އެ މީހުން ވަކިވެގެން އެދިޔައީ ތާއަބަދަށް އަޅުގަނޑުމެން ރޮއްވާލައިފައެވެ. އެދުވަހު އެމީހުން އެދިޔައީ ޖާނާއިމާލު ޤުރުބާން ކޮށްގެން ޢިމާރާތްކުރި ގެދޮރާއި މުދާ ކަނޑުންއެރި ބިޔާރާޅެއްގެ ޝިކާރާއަކަށް ދޫކޮށްލައިފައެވެ. ސުނާމީ ކާރިސާގައި ބައެއް ޢާއިލާތައް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުން އިނދަޖެހި ސުންނާފަތިވެގެން ދިޔައެވެ. ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވިއެވެ.

މިއަދުގެ ހަޤީގަތަށް ވިސްނާލާނަމަ، މިއޮތީ އެއްބައިވަންތަކަން ދައްކުވައި ދޭން ޖެހޭ ދަނޑިވަޅު އަނެއްކާވެސް އައިސްފައެވެ. ސުނާމީ އެރި ދުވަހު ދެއްކި އެއްބައިވަންތަކަން މިއަދު ފެންނާކަށްނެތެވެ. މީހާރު ކުރާކަމަކީ  ހިތާމައަކީ، މިފަދަ ކަންކަމުގެ ނަތީޖާ މުސްތަގުބަލުގައި ނުކުންނާނެ ގޮތަކާމެދު ވިސްނުމެއްނެތި ބައެއް ފަރާތްތަކުން އަމިއްލަ ފައިދާ ނެގުމަށް މަސައްކަތް ކުރަމުން ދާކަމެވެ.

އެއްބައިވަންތަ ކަމުގެ މިދުވަހު ދިވެހީން އެއްބައިވެ، އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު، ފިކުރީ ހަނގުރާމައިގެ ތެރޭގައި ޣަރަގުވެދިޔަ ނުދީ ސަލާމަތް ކުރުމަށް އަތުކުރި އޮޅާލަން މިވަނީ ޖެހިފައެވެ.

 

Advertisements