ރާއްޖޭގައި ހިންގާ ނިރުބަވެރި، އަނިޔާވެރި އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިހްތިޔާރެއް ބޭނުން ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އެގޮތަށް ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް ބަޔާނުގައިވެއެވެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދަމަހައްޓައި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދިނުމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރަން." ސަރުކާރުގެ ބަޔާނުގައިވެއެވެ.

ޝަމީމަށް މިއަދު ހަމަލާދީފައިވަނީ ފަތިހުން ފެށިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހެކެވެ. ދެ މީހުން ސައިކަލެއްގައި ގޮސް މަރުތޭލެއް ބޭނުންކޮށްގެން ދިން ހަމަލާގައި ޝަމީމްގެ ވައަތުގައި ވަނީ ރެނދުލައިފައެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ.