ކަނބަލުންގެ ވާހަކަ: ސަމީރާ އިބްރާހީމްގެ ނަމޫނާ ދިރިއުޅުން

0

ބ. އަތޮޅު މާޅޮސް، ސަމީރާ އިބްރާހީމް (ސަމީރައްތަ) ގެ ޙަރަކާތްތެރި ދިރިއުޅުން ފެނުމުން ހަނދާނަށް އައީ ރަށްރަށުގެ އަންހެނުން ވޮލަންޓިއަރ ކޮށްގެން ރަށުގެ އިޖުތިމާއީ ކަންކަމުގައި ޙަރަކާތްތެރިވި ދުވަސްވަރުގެ މަތީންނެވެ.

ސަމީރައްތައަކީ މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއެވެ. އޭނާއަކީ ޓީމް ލީޑަރެވެ. 7 ކުދިންގެ މަންމައެކެވެ. އަންބެކެވެ. އިޖުތިމާޢީ މަސައްކަތުގެ ނަމޫނާއެކެވެ. އޭނާއަކީ ފޫޅުމައެކެވެ. އޭނާއަކީ ޖަމާއަތްތެރިއެކެވެ.

Advertisements

މާޅޮހުގެ ސާފުތާހިރު ކަމުގެ މޭސްތިރިއަކީވެސް ސަމީރާއްތައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެރަށުގެ ގޮނޑުދޮށުގެ ސާފުތާހިރު ކަމާއި ހޭޅިފަށުގެ ހިތްގައިމުކަން އެހެން މީހުންނަށް ދެއްކައިދެނީ ސަމީރައްތައާއި އޭނާގެ ޓީމުގެ މިންނެތް މަސައްކަތުންނެވެ. އޭނާ ބުނި ގޮތުގައި އެއީ އެރަށުގެ ހުރިހާ އަންހެނުންގެ މަސައްކަތެވެ.

“ތިޔައީ ހުސްއެކަނި ސަމީރައްތަގެ މަސައްކަތެއް ނޫން. ތިޔައީ މިރަށު ހުރިހާ އަންހެންވެރިންގެ މަސައްކަތް. ކޮންމެ ދުވަހަކު ހަވީރު އައިސް އެމީހުން މި މަގުތައް ކުނިކަހާ ސާފު ކޮށް ހަދާނެ. އެމީހުންވެސް ބޭނުންވަނީ ރަށަށް އަންނަ ފަތުރުވެރިންނަށް މިރަށް ސާފުތާހިރު ރަށެއްގެ ގޮތުގައި ދައްކަން. އެހެންވެ ފަރުވާކުޑަނުކޮށް ރަށުގެ ކުދި ބޮޑު ހުރިހާ އަންހެންވެރިން އިލޮށިފަތިހިފައިގެން ހަވީރު ހަތަރަކުން ފަސްގަޑި ބަޔަށް ކުނިކަހަން ނުކުންނާނެ. އެކަންކުރާން ނުކުންނަ މީހުންގެ ރަޖިސްޓްރީއެއް ވެސް އޮންނާނެ،” ސަމީރައްތަ ބުންޏެވެ.

ސަމީރައްތަ އަކީ އާދައިގެ ކަނބަލެއް ނޫންނެވެ. އެރަށުގައި ޑޮކްޓަރަކު ނެތް ޒަމާނުގައި އޭނާއަކީ އެރަށުގެ އަންހެނުންގެ ބޭކެނބި ދައިތަ ނުވަތަ ފޫޅުމައެވެ. އެދުވަސް ވަރަށް ބަލާއިރު އޭނާ ޑޮކްޓަރަކަށް ދުލެއް ނުކުރެއެވެ. އެޚިދުމަތް ދީފައިވަނީ ތަޖުރިބާއާއި ހުނަރުވެރިކަމާއެކުގައެވެ. އޭނާ ވަނީ ފޫޅުމައެއްގެ ވަޒީފާގައި 27 އަހަރު އުޅެފައެވެ. އޭނާގެ އެ ޚިދުމަތަށް ސާބަސް ހައްގެވެ.

ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރަމުން ގެންދާ ސަމީރާ އިބްރާހީމް ބުނީ އޭނާ ކުރަނީ އެންމެ މަސައްކަތެއް ނޫންކަމަށެވެ. އޭނާއަކީ ޖަމާޢަތްތެރިއެކެވެ. “ސަމީރައްތަ ހަމައެކަނި ލިޔެކިޔުން ތަންތަނަށް ފޮނުވާކަށް ނޫން ސަރުކާރު އޮފީހުގައި މިއުޅެނީ. އެއާއި އެކު މިރަށުން އަންހެނަކު ނިޔާވެއްޖެއްޔާވެސް ކަށް ހިނަވާ އެމަސައްކަތުގައިވެސް އުޅެނީ ހަމަ ސަމީރައްތައާއި މިރަށުގެ އެހެން ކަނބަލުން،” އޭނާ ބުންޏެވެ.

އެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމުގައި ވެސް ސަމީރައްތައާއި އޭނާގެ ބައިވެރިންގެ އެއްބާރުލުން ވަރަށްބޮޑެވެ. އޭނާ ބުނިގޮތުގައި އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. ރަށުގައި ކަރަންޓުގެ މައްސަލަ ދިމާވެ ދޭތެރެ ދޭތެރެއިން ކަރަންޓު ދާން ފެށިއެވެ. އެކަމުގެ އުނދަގޫ ފޯރަން ފެށީ އެރަށުގެ އެންމެހާ ރައްޔިތުންނަށެވެ. މައްސަލައަށް ހައްލެއް ހޯދަން އޭނާ އިސްކޮށްހުރެ އެރަށުގެ ކަމުވޮށިވެގެންވި އަށެއްކަ ކަނބަލުންނާއެކު ރަށު އޮފީސް ދޮށަށް ދިޔައެވެ. އަދި އެމީހުން އެދުވަހު އެތަނަށް ގޮސް ދެއްކި ވާހަކަތަކުގެ ސަބަބުން އެރަށަށް ޖެނަރޭޓަރެއް ލިބުނެވެ. އޭނާގެ އެމަސައްކަތްވެސް ރަށުގެ ރައްޔިތުން ބަލައިގަތެވެ. މިފަދަ ކަންކަމަކީ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް އާދެވުމުގެ އަސްލެވެ.

ސަމީރާއްތައަކީ އިހުގައި މުޅިރާއްޖޭގައިހެން ކޮށްއުޅުނު މަސައްކަތެއް ކަމަށްވާ ރޯނު ވެށުމާއި ފަންގި ވިނުމުގެ މަސައްކަތް ވެސް ކުރާ ހީވާގި ކަނބަލެކެވެ. ރަށުގެ ގެސްޓުހައުސް ބެލެހެއްޓުމާއި، ރަށަށް ޒިޔާރަތްކުރާ މެހްމާނުންނަށް ކާންދިނުމަކީ ވެސް އޭނާގެ މަސައްކަތަށް އިތުރު ކޮށްލަންޖެހޭ ކަންކަމެވެ.

ކަންކަމަށް ޖެހިލުންވުމާއި ފަސްޖެހުމަކީ ސަމީރާ އިބްރާހީމް ދަންނަ ކަންކަމެއް ނޫންނެވެ. އޭނާ ދަންނަނީ ކަންކަމާ ކެރިގެން ކުރިމަތިލާށެވެ. އޭނާއަށް އެރަށުން މިއަދު ލިބިފައިވާ މަގާމާއި ލޯތްބާއި އިހުތިރާމުގެ އަސްލަކީ ވެސް ޖެހިލުން ކުޑަކަމާއި އޯގާތެރި ކަމާއި މީހުންނާ ގުޅޭ މިޒާޖެވެ.

މިފަދަ މަސައްކަތްތަކުގައި މިހާ ފޯރީގައި އޭނާއަށް އުޅެވެނީ ފިރިމީހާގެ ވެސް އެއްބާރުލުން ލިބިގެންނެވެ. އެކަމަށްޓަކައި އޭނާ ވަނީ ފިރިމީހާއަށް ޝުކުރުވެރިވާ އަނބީންގެ ތެރޭގައެވެ.

Advertisements