ބަވަނަ ވެފައިވާ މި ދުނިޔޭގައި އަހަރެމެން ދިވެހިން ވެސް އެތަން މިތަނަށް ދަތުރުކުރުން މިވަނީ އާންމު ވެފައެވެ. މިގޮތުން ރައްޓެއްސަކު އޮފީސް ދަތުރެއްގައި ޕިލިޕީންސަށް ދިޔަ ފަހަރަކު ދިމާވި ކަމެއް ކިޔައިދިނެވެ.

ޕިލިޕީންސަށް ރަހުމަތްތެރިޔާ ދިޔައީ އެތައް ފޯމެއް ފުރުމަށްފަހު އެކޮޅަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދީފައެވެ. މިގޮތަށްދާ ދަތުރު ތަކުގައި ގިނައިން ހުންނަނީ އެ ތިބޭ ހޮޓަލެއްގައި ކޮންފަރެންސް ބޭއްވުމާއި ކެއުންވެސް ހަމަޖައްސާފައެވެ. އެހެންކަމުން ރަހުމަތްތެރިޔާގެ ކެއުންވެސް އޮތީ އެނާ ހުރި ހޮޓަލުގައެވެ.

ފުރަތަމަ ރޭ ކެއުމަށް ދިޔައިރު ލިބުނީ ބަތްކޮޅަކާއި ތަރުކާރީ ކޮޅެކެވެ. އެއްވެސް ކަހަލަ މަސް ކޮޅެއް ނެތެވެ. ހަލާލު ފުޑޭ ބޭނުންވަނީ ބުނެފައި އޮތީމާ ކަމަށް އެކުވެރިޔާ ހީކުރިއެވެ. ދެން ހުސް ތަރުކާރީ އާއި ބަތް ދިރުވަން އުނދަގޫ ކަމުން ހޮޓަލުގެ މެނޭޖަރަށް ގޮވާ ގެނެސް ކޮންމެސް ކަހަލަ މަސްކޮޅެއް ބޭނުންވާ ވާހަކަ ބުނެފިއެވެ. އޫރު ނޫން ކޮންމެސް އެއްޗެއްގެ ރިހަފޮދަކާއި މަސްކޮޅެއް ކޮންމެ ފަހަރަކު ބޭނުންވާނެ ކަމަށް މެނޭޖަރު ގާތު ބުންޏެވެ. މެނޭޖަރ ޔޭސް! ޔޭސް! ކިޔާފައި ބަދިގެއަށް ވަދެ ކުކުޅު ފައި ޕެކެޓެއް ހިފައިގެން އައިސް ދައްކާލިއެވެ. އެ ޕެކެޓުގައި ބޮޑު އަކުރުން ހަލާލު ޖަހާފައި އޮތް ތަނުގައި އިނގިލި ޖައްސާ ދައްކާލުމުން ރަހުމަތްތެރިޔާ ޔޭސް! ޔޭސް! ބުނެފިއެވެ. އޭގެ ފަހުން ކޮންމެ ކާ ގަޑިއަކަށްވެސް ކުކުޅު ރިހަ ތައްޓަކާ އެކު ބޮޑު ކުކުޅު ފައެއްވެސް ގެނެސްދެއެވެ. މި ރިހަގަނޑު ރަޙުމަތްތެރިޔާއަށް ވަރަށް މީރުވެސް މެއެވެ. އެހެން ކަމުން މެނޭޖަރަށް ވަރަށް ތައުރީފު ވެސް ކުރެއެވެ.

ރަޙުމަތް ތެރިޔާ ޕިލިޕީންސަށް މި ދިޔަ ދަތުރު ނިމެން އެއްދުވަހަށް ވީފަހުން އެއްރެއަކު ފަތިސް ނަމާދު ކޮށްގެން ހޮޓާ ކައިރި ހިސާބުތައް ބަލާލަން ދިޔައިރު މަގުމަތިން އަނބު އަޅާ ފުރިފައި ހުރި ގަހެއް ފެނިއްޖެއެވެ. އަނބުގަސްދޮށަށް ހުއްޓި ކަރުމައްޗަށް ޖަހައިގެން ހުއްޓާ މީހަކު އައިސް އަތުގެ އިޝާރާތުން އަނބެއް ބޭނުންތޯ އެހި އެވެ. ރަހުމަތް ތެރިޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން އަނބު ކޯޅިއެއް ބިނދެލާފައި ދީފިއެވެ. މި އީ ހުތް އަނބު ތަކަކަށް ވުމުން ރަހުމަތް ތެރިޔާ ހިތަށް އަރައިފިއެވެ. މި ހޮޓަލުގެ ބަދިގޭ އުޅޭމީހުނަށް ދިވެހިންކާ މީރުކެއުން ދައްކާލަންވީއެވެ.

މިހެން ހިތައި މާލެއިން ގެންދިޔަ ކުޑަ ރިހާކުރުފުޅި ހިފައިގެން ހޮޓަލުގެ ބަދިގެއަށް ދިޔައީ ވަޅިއެއް ހޯދާށެވެ. ބަދިގެއަށް ވަންއިރު އުނދުން މަތީ ބޮޑު ރިހަގަނޑެއް ހުއްޓެވެ. ރަޙުމަތް ތެރިޔާ ބަދިގެއަށް ވަނުމާއެކު ރިހަތެލި ކައިރީގައި ހުރި ކައްކާ އެ ރިހަތެލިން ކުކުޅު ފަޔެއް ނަގައި ދައްކާލައިފައި ބުންޏެވެ. ހަލާލެވެ. ރަހުމަތްތެރިޔާ ހިތަށް އެރިއެވެ. "ކުކުޅު ރިހަ ކާމީހުން ވެސް މި ހޮޓަލު ތިބީމާ ތާއޭ، އެހާ ބޮޑު ރިހަގަނޑެއް ކައްކައިލަނީ،" ރަޙުމަތް ތެރިޔާ އަށް ވަޅި ހިފައިގެން ބަދިގެއިން ނުނުކުމެވެނީސް އެއްކަލަ ރިހަގަނޑުން ކުކުޅު ފަޔަކާއި ރިހަ ފޮދެއް ތައްޓަކަށް އަޅައިފިއެވެ. އެ ރިހަ އަޅަން އުދުޅި ލައިގެން ހަލައިލިތަން ފެނުނު އިރަށް ރަޙުމަތްތެރިޔާ އޯކަން ދެމެން ފަށައިފިއެވެ. ދެން އެ ރިހަގަނޑުން ފެނުނީ ހުސް އޫރު މަހެވެ.

މި ބައިމީހުން މި ކުރާކަމަކީ އޫރުމަހުގެ ރިހަގަނޑަކަށް ކުކުޅުފައި ލައިގެން ކައްކާލާފައި ރިހަ ފޮދަކާއި އެކު ކުކުޅު ފައި ލައިގެން ރަހުމަތްތެރިޔާ އަށް ގެންދަނީއެވެ. އަހަރެންގެ ރަހުމަތްތެރިޔާ ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ކޮޓަރީ ފާޚާނާ އަށް ވަދެ ބަނޑަށް ފިތައިގެން ހޮޑުލުމަށް މަސައްކަތް ކުރަނީ އެވެ. ނަމަވެސް ހަފުތާއެއް ވަންދެން އެކޭ ތަކެތި ދެން ބަނޑުން ނެރޭނީ ކިހިނެއްހެއްޔެވެ؟